ޚަބަރު

ނިއު ޒިލޭންޑް ސިޓީއެއްގެ ކައުންސިލަށް ދިވެއްސަކު އިންތިހާބުވެއްޖެ

ނިއު ޒިލޭންޑްގެ ސިޓީއެއްގެ ކައުންސިލް އިންތިހާބު ވާދަކުރި ދިވެހި ކެންޑިޑޭޓް އެ އިންތިހާބު ކާމިޔާބު ކޮށްފިއެވެ.

އާބާދީގައި ގާތްގަނޑަކަށް 105،000 މީހުން ދިރިއުޅޭ ނިއު ޒިލޭންޑުގެ ހަޓް ސިޓީގެ ކައުންސިލަށް ކުރިމަތިލީ އެގައުމުގައި ދިރިއުޅެމުން އަންނަ ޝަޒްލީ ރަޝީދެވެ.

އޭނާ ވަނީ އެކަން ފޭސްބުކްގައި ވެސް އިއުލާން ކުރައްވައި، އޭނާއަށް ވޯޓުދިން ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ޝާޒްލީ ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިލެއްވީ އޭނާއަށެވެ.

ހަޓް ސިޓީގައި ދިރިއުޅުއްވާތާ 20 އަހަރު ވެފައިވާ ޝަޒްލީ މީގެ ކުރިން ކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ އަމާޒަކީ ހަޓް ސިޓީއަކީ އިތުރު ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ އިތުރު އިންވެސްޓްމަންޓްތައް ކުރެވޭ އަދި ވަޒީފާގެ ފުރުސަތުތަކަށް ވެސް ޖާގައޮތް ސިޓީއަކަށް ހެދުން ކަމަށެވެ.

އަދި ހަޓް ސިޓީއަކީ ރައްކާތެރި އަދި އާއިލާއެއް ބިނާކުރުމަށާއި ވިޔަފާރިތައް ވެސް ފެށުމަށް ރަނގަޅު ސިޓީއަކަށް ހެދުމަކީ ވެސް އޭނާގެ އަމާޒެއް ކަމަށް ޝަޒްލީ ވިދާޅުވެފައިވެއެވެ.