ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ބައެއް ފެކަލްޓީތައް ހިންގަމުން އަންނަ ކުރީގެ އެމްއީއެސްގެ އިމާރާތް ހުސްކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފު ''ވަން'' އަށް މިއަދު ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހު އެތަން ހުސްކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
ނަމަވެސް އެ އިމާރާތުގައި މިހާރު ހިންގަމުން އަންނަ ކޯސްތައް ހިންގަން އިތުރު އިމާރާތެއް ލިބިފައިނުވާ ކަމަށާއި އިމާރާތް ހުސްކުރުމާ ހަމައަށްދާއިރު ސަރުކާރުން ގޮތެއް ހަމަޖައްސައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެމްއެންޔޫއިން އެމްއީއެސް އިމާރާތުގައި ހިންގަމުންދަނީ ފައުންޑޭޝަނާއި ޝަރީއާގެ ކޯސްތަކެވެ.
ޑރ. ޝަރީފު ވިދާޅުވީ ކޯސް ހިންގަމުން އަންނަ އިމާރާތް ހުސްކުރަން ޖެހުމުން ކުރިއަށް އޮތް ދުވަސްތަކުގައި ކޯސްތަކަށް ކުދިން ނަގާ އަދަދު މަދުކުރަން ޖެހިދާނެ ކަމަށެވެ. އެހެންވެއްޖެނަމަ ޔުނިވާސިޓީން ތަމްރީނުވެގެން މުޖުތަމައަށް ނުކުންނަ ދަރިވަރުންގެ އަދަދު މަދުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
''...އެމްއެންޔޫ ހިންގަމުން މިދަނީ ވަރަށް ދަތިގޮތަކަށް. ކުރިން ބާ ޖަމާލުއްދީނުން ނެރުނީ އިމާރާތް ބާވެގެން. އަނެއްކާ ސޮލާހުއްދީން ބިލްޑިންގުން ވެސް ނެރުނީ، ޕޮލިޓެކް ކުލިނިކް ހިންގަން ވެގެން އެ އިމާރާތުން ވެސް ނުކުންނަން ޖެހުނު. އިމާރާތެއް ނެތި މިގޮތަށް ކަންކަންވާނަމަ ކޯސްތަކަށް ނަގާ ކުދިންގެ އަދަދު މަދުކުރަން ޖެހޭނެ،'' އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްއީއެސް އިމާރާތް ހުސްކުރަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން ޔުނިވާސިޓީއަށް ފޮނުވި ލިޔުމުގައި އެތަން ހުސްކުރަނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސެކަންޑްރީ ސުކޫލެއް ހިންގަން ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި އެމްއީއެސްގައި ޔުނިވާސިޓީން ހިންގާ ކުލާސްތައް ހިންގަނީ މެންދުރު ފަހާއި ރޭގަނޑު ކަމުން، ޔުނިވާސިޓީގެ ކުލާސްތައް ނެތް ގަޑިތަކުގައި ސުކޫލު ހިންގައިދޭނެކަން މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް މިނިސްޓްރީގެ ފަރާތުން އަދި ޖަވާބެއް ނުލިބޭ ކަމަށެވެ.