ދެކުނުގެ ހަތަރު އަތޮޅަށް ނެރުނު ޔެލޯ އެލާޓުގެ ވަގުތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އެންމެ ފަހުން އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ. ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ނެރުނު އެލާޓްގައި ބުނެފައިވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފައިވާއިރު، ރޭ ދަންވަރު 1:00 އިން ފެށިގެން ދެކުނުގެ ހަތަރު އަތޮޅަށް އެކި ފަހަރު މަތިން ޔެލޯ އެލާޓް ވަނީ ނެރެފައެވެ. އެގޮތުން ރޭ މެންދަމުން ފެށިގެން އައްޑު ސިޓީއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ވަނީ ފެންވަދެފައެވެ.
މެޓް އޮފީހުން ބުނީ، އިއްޔެގެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ސ. ގަމަށް 110.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، އައްޑޫ ސިޓީގެ ބައެއް ސަރަހައްދުގައި ފެން ބޮޑުވުމުގެ ސަބަބުން މަގުތަކުން ފެން ހިންދުމުގެ މަސައްކަތާއި ގޭގެ އަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
ފުލުހުން ވެސް ބުނީ، އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ރަށުތެރެ ފެންބޮޑުވެފައިވާތީ، ގޭގޭ ދޮރުމަތީގައި ވެލިބަސްތާ ޖަހައިދިނުމުގައާއި ފެން ހިންދުމުގައި ފުލުހުން ވެސް ބައިވެރިވަމުން އަންނަ ކަމަށެވެ.