ރާއްޖޭގެ ޖުޑީޝަރީ ދިރާސާކޮށް ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލާ ނެރުއްވި ރިޕޯޓަކީ ސިޔާސީ ގޮތުން ޖުޑީޝަރީއަށް އަތް ބާނަން ދޭ ހުއްޖަތެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިރާސާ ހެދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ގެނައި ކްރީގްލާ، ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމުގައި ފެއިލްވުމުގެ ސަބަބުން ކޯޓުތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ކަންކަން ރަނގަޅުކުރަން ބޭނުން ނަމަ އެ ކޯޓުގެ ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ.
އެ ރިޕޯޓާ ގުޅިގެން ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ރިޕޯޓަކީ ޖޭއެސްސީގެ ރައީސަށް ޖުޑިޝަރީއަށް އަތް ބާނަން ދޭ ހުއްޖަތެއް ކަމަށާއި އެ ރިޕޯޓުގައިވަނީ އެންމެ ރިފޯމެއް ކަމަށެވެ. އެއީ ފަނޑިޔާރުން ވަކިކުރުން ކަމަށެވެ.
"..ރިޕޯޓުގައިވަނީ 1 ރިފޯމް: ފަނޑިޔާރުން ވަކިކުރުން. ހަމައެކަނި ރަނގަޅު އަމަލަކީ ރައީސް ނަޝީދުގެ ހުކުމް ބާތިލްކުރުންބާ؟ ޖޭއެސްސީގަ އޮތް ސިޔާސީ ނުފޫޒް ޖޯހަން ކްރިގްލާއަށް މައްސަލައަކަށް ނުވީ ކީއްވެ؟،" ޖަމީލު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
"އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮޕޯޒަލްސް"ގެ ނަމުގައި ކްރީގްލާ ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ނެތް އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓުގެ އަމަލުތަކެވެ.
އަދި ސިޔާސީ ފައިދާއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުން ވެރިކަންކުރާ ބާރުން ކޮށްފައިވާ ކަމަށާއި އޭގެއިތުރުން އެކެއް ފެބުރުއަރީ އަމުރާއެކު ސުޕްރީމް ކޯޓުން ރާއްޖޭގެ ސިޔާސީ މައިދާނުގެ ތެރެއަށް ވަދެފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.