ޚަބަރު

ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ދޭން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ގއ. ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ދޭން ފަށައިފިއެވެ. މި ހިދުމަތް މިއަދު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ، ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

ހެލްތު މިނިސްޓްރީން ބުނީ، ލެބޯޓްރީގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތަކާއި ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް މިދިޔަ މަހުގެ 22 ވަނަ ދުވަހު ގާއިމްކޮށް، ހިދުމަތް ދެމުން ގެންދާ ކަމަށެވެ.

ގއ. ކަނޑުހުޅުދޫއަކީ ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށު މީހުން މީގެ ކުރިން ލެބޯޓްރީގެ ހިދުމަތް ހޯދަން ދިޔައީ ކައިރީގައި އޮންނަ ގއ. ގެމަނަފުށި ސިއްހީ މަރުކަޒާއި އަދި ގދ. ގައްދޫ ސިއްހީ މަރުކަޒުންނެވެ. މިއީ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރެކެވެ. އެހެންކަމުން، ކަނޑުހުޅުދޫގައި މި ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ގއ. އަތޮޅުގައި ލެބޯޓްރީގެ ހިދުމަތް ލިބެނީ އަތޮޅު ހޮސްޕިޓަލާއި ގެމަނަފުށި ސިއްހީ މަރުކަޒާއި ދާންދޫ ސިއްހީ މަރުކަޒާއި ދެއްވަދޫ ސިއްހީ މަރުކަޒުގެ އިތުރުން ކޮލަމާފުށި ސިއްހީ މަރުކަޒާއި ކަނޑުހުޅުދޫ ސިއްހީ މަރުކަޒުންނެވެ.