ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން އަދި ހިތުގެ ބަލިތަކަށް ހާއްސަ ކާޑިއެކް ސެންޓަރގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށްޓަކައި ކުޅުދުއްފުށީ ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ރަސްމީކޮށް ހިދުމަތް ދޭންފެށި މި ކާޑިއެކް ސެންޓަރުން ހުރިހާ ނަން-އިންވޭސިވް ކާޑިއެކް ޓެސްޓްތައް (އެކޯ ކާޑިއޯގްރާމް، ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑަރ މޮނީޓަރިން) ހެދޭނެ ކަމަށެވެ.

ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ސީޓީ އާއި ކާޑިއޯ ޓެސްޓް ހެދުމަށް އިމަޖެންސީކޮށް 74 ބަލިމީހުން ރެފަރ ކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ރެފަރ ކުރި ގިނަ މީހުންނަކީ ޗާޓަރ ފްލައިޓް ނުވަތަ ޝެޑިއުލްޑް ފްލައިޓްސް އިން ރެފަރ ކޮށްފައިވާ ބަލިމީހުންކަން ފާހަގަކުރައްވައި ހެލްތް މިނިސްޓްރީން ބުނީ މިގޮތަށް ރެފަރ ކުރާއިރު، ޗާޓަރ ފްލައިޓް އިން ރެފަރ ކުރާނަމަ ރެފަރ ކުރާ ކޮންމެ ބަލިމީހަކަށް 125،600 ރުފިޔާ ހަރަދުވާ ކަމަށާއި ޝެޑިއުލްޑް ފްލައިޓް އިން ރެފަރ ކުރާނަމަ މީހަކަށް 149،66 ރުފިޔާ ހަރަދު ކުރާ ކަމަށެވެ.

މީގެއިތުރުންވެސް ރެފަރ ކުރެވޭ ބަލިމީހާއާއި އާއިލާގެ އަތުން ހުރުމާއި ކެއުން ފަދަ އެތަކެއް ހަރަދުތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓްރީން ވިދާޅުވީ ކުޅުދުއްފުށީގައި މި ހުޅުވި ސެންޓަރުގެ ސަބަބުން ރެފަރަލް ތަކަށް ކުރެވޭ ހަރަދު ވަރަށް ބޮޑުތަން ދަށްވެގެންދާނެ ކަމުގައެވެ.

މިއަދު ރަސްމީކޮށް ހުޅުވި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން ޖުމްލަ 64،000 މީހުނަށް މިހިދުމަތް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހިދުމަތްދޭން މި ފެށި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރަކީ ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ ފަސް ހޮސްޕިޓަލް ގެ މަޝްރޫއުގެ ދަށުން ހިމެނޭކަމެކެވެ.

އެވްރެޖްކޮށް ދުވާލަކު 305 ބަލިމީހުން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދައެވެ. އަދި ހޮނިހިރު ދުވަހު އެވެރެޖްކޮށް 650 މީހުން ހިދުމަތް ހޯދައެވެ. އެގޮތުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްހޯދުމަށް އެއަތޮޅުގެ އިތުރުން ހއ އަދި ށ އަތޮޅުން މީހުން އާދެއެވެ.

ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު 28 ޑޮކްޓަރުން، 78 ނަރުހުން އަދި 16 އެހެނިހެން މެޑިކަލް ޕްރެކްޓިޝަނުން ފަރުވާދެމުންއާދެއެވެ.