ޚަބަރު

ގޮނޑީގެ މައްސަލަ ޖެހުނު 12 މެންބަރުންނަށް ކޮމެޓީ އެލަވަންސް ވެސް ދޭން ނިންމައިފި

1

ގޮނޑީގެ މައްސަލަ ޖެހުނު ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް ކޮމެޓީ އެލަވަންސް ވެސް ދޭން ނިންމައިފި އެވެ.

ގޮނޑި ގެއްލުނު ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބާރަ މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްއާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންއާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުއާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކުއާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންއާއި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުއާއި، ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއެވެ.

އެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ފަހުން ވަނީ ހުކުމްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ދުވަހުން ފެށިގެން ސުޕްރީމް ކޯޓުން އެމެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކުުރި ދުވަހާ ހަމަޔަށް ލިބިވަޑައިގަންނަވަން ޖެހޭ މުސާރަ ގަނޑުކޮށް އެމެންބަރުންނަށް ދޭން މަޖިލީހުން ވަނީ ފަށައިފަ އެވެ.

މަޖިލީހުގެ އޮފިޝަލަކު "ވަން އޮންލައިން" އަށް ވިދާޅުވީ ކޮމެޓީ އެލަވަންސް ވެސް އެ މެންބަރުންނަށް ދޭން ނިންމާފައިވާ ކަމަށާއި އެކަން އެބޭފުޅުންނަށް ވެސް މިހާރު އަންގަވައިފައިވާ ކަމަށެވެ.

"އެބޭފުޅުންގެ ވިދާޅުވަނީ ތިމަންނަމެން ކޮމެޓީތަކަށް ވަޑައިނުގަތީ އަމިއްލަފުޅަކަށް ނޫނޭ. ވަޑައިގެންނެވޭނެ ގޮތެއް ނެތީމައޭ. އެހެންވީމަ މިހާރު ނިންމާފަ އޮތީ ކޮމެޓީ އެލަވަންސް ވެސް ދޭން." ވަން އަށް މައުލޫމާު ދެއްވި އޮފިޝަލު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟