ޚަބަރު

ވަކި މަސައްކަތްތަކެއް ނުކުރެވޭނެކަމަށް، އަންހެން ކުދިން ނުދެކުމަށް ރައީސްގެ އަނބިކަނބަލުން އެދިވަޑައިގެންފި

އަންހެންކުއްޖަކަށް ވީތީ ވަކި މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ނުދެކުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެދިވަޑައިގެންނެވިއެވެ.

ރައީސްގެ އަނބި ކަނބަލުން މިއަކަމަށް އެދި ވަޑައިގެންނެވީ، "ރެސިލިއަންޓް އެންޑް ރިލެންޓްލަސް؛ ހަރ ސްޓޯރީ" މައުރަޒު ހުޅުއްވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މެޑަމް ފަޒްނާ ވިދާޅުވީ، އަންހެންކުއްޖަކަށް ވީތީ ވަކި މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ދެކުމުގެ ބަދަލުގައި ކޮންމެ މަސައްކަތަކީ ނުވަތަ، ކޮންމެ ދާއިރާ އަކީވެސް އަންހެނުންނަށްވެސް ކުރެވޭނެ އަދި ކުރިޔަށްދެވޭނެ ދާއިރާއެއްކަމަށް ދެކި އެ ދާއިރާ އަކީ ނުވަތަ މަސައްކަތަކީ ވެސް އެ ކުއްޖަކު އަމިއްލައަށް އިހްތިޔާރުކުރާ ދާއިރާއަކަށް ހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދު ހަވީރު ބ. ގޮއިދޫގައި ހުޅުއްވައި ދެއްވި މި މައުރަޒަކީ އަންހެންކުދިންގެ ހުނަރާއި ގާބިލުކަން ދައްކުވައިދިނުމާއި އާއިލާ އާއި މުޖްތަމަ އާއި ޤައުމަށް އެކި ރޮނގު ރޮނގުން ހެޔޮ ބަދަލެއް، ނުވަތަ ކުރިއެރުމެއް ގެނައުމުގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ވާހަކަތައް ފާހަގަކުރުމުގެ މަގުސަދުގައި ބާއްވާ މައުރަޒެކެވެ.

މިއީ މިއަހަރުގެ ބައިނަލްއަގްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމުއިއްޔާއިން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ގޮއިދޫގައި ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ކެރިއާ ޓޯކް ސެޝަން"ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލެއްވިއެވެ.

އަދި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ "ވިމެން އެންޑް ފެމިލީ ލޯ ސެޝަން"ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.