ޚަބަރު

ޖޭޕީއަކީ ސިޔާސީ ޕްލެޓް ފޯމެއްނޫން، އެ ޕާޓީއަށްމީހުން ދިޔައީ ގާސިމާއެކު ރިސޯޓަށްގޮސް ފޫހި ފިލުވަން :އަދުރޭ

އިބްރާހިމް ޒަކީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ ސިޔާސީ މަސައްކަތަށް ކަމުދާ ޕްލެޓްފޯމެއްނޫން ކަމަށާއި، މީގެ ކުރިން ޕީޕީއެމްގައި ތިއްބެވި އިސް ފަރާތައް ޖޭޕީއާ ގުޅުނީ ކުރާނެ ކަމެއް ނެތިގެން އެހެން މަންފާއެއް ހޯދައި މުނި ފޫހި ފިލުވުމަށް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޕީޕީއެމްގެ އިސް ސަފުގައި މީގެ ކުރިން ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ޖޭޕިއަށް ސޮއިކުރެވި މައްސަލައިގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްބަމުން އަދުރޭ ވިދާޅުވީ، ސިޔާސީ މަސައްކަތް ކުރަން ރާއްޖޭގަ އޮތީ ދެ ޕްލެޓް ފޯމް ކަމަށާއި، އެއީ ޕީޕީއެމް ޕިއެންސީގެ ޕްލެޓް ފޯމާއި އެމްޑީޕީގެ ޕްލެޓްފޯމް ކަމަށެވެ. އެނޫން ޕްލެޓްފޯމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ޖޭޕީ އަކީ ސިޔާސީ މަސައްކަތެއް ކުރަން، ސިޔާސީ ކުރިއެރުމެއް ހޯދަން، ސިޔާސީ ކުރިމަގެއް ބިނާކުރަން، ދާން ކަމުދާ ޕާޓީއެއްނޫން ކަމަށެވެ.

"ސިޔާސީ މަސައްކަތެއް ކުރަން، ސިޔާސީ ކުރިއެރުމެއް ހޯދަން، ސިޔާސީ ކުރިމަގެއް ބިނާކުރަން، ދާކަށް ކަމުދާ ޕާޓީއެއް ނޫނޭ ޖޭޕީއަކީ، އެ ވަޑައިގެންނެވި ބޭފުޅުން ވެސް އަޅުގަނޑަށް ހީވަނީ ކޮންމެހެން އެކަހަލަ މަގުސަދެއް އޮވެގެންނެއްނޫންހެން ވަޑައިގަތީ، ދެން ވެދާނެ އެބޭފުޅުން މުނިފޫހި ފިލުވަން ވަޑައިގަތީ ކަމަށްވެސް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، އެ ބޭފުޅުންނަކީ ކުރީގެ ސަރުކާރު ދިފާއު ކުރުމަށް ޕީޕީއެމްގައި ވަރަށް އަވަދިނެތި އުޅުއްވި ބޭފުޅުން ކަމަށެވެ. އިންތިހާބު ތަކުން ނާކާމިޔާބުވެ މާޔޫސް ވުމުން ޖޭޕީއަށް ގޮސް އެބޭފުޅުން އެ އުޅުއްވަނީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު ރިސޯޓުތަކަށް ވަޑައިގެން އަރާމްކޮށްލުން ފަދަ ކަންތައްތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.

"މިއައި މާޔޫސް ކަމުގެ ހިތްދަތި ކަމުގައި ނޫނިއްޔާމު މާބޮޑު މަސައްކަތެއް ނެތިފަ ތިބުމުގެ ބަދަލުގައި މުނި ފޫހި ފިލުވާލުމަށްޓަކައި ދިޔަ ދިއުމެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ، އެނޫން ކޮންކަމެއްތޯ ދެން ކުރާނީ، އަޅުގަނޑު ހަމަ ގަބޫލުކުރަނީ، ދެން ގާސިމް އިބްރާހިމް އަކީ ވަރަށް ހިތްހެޔޮ، ދީލަތި ބޭފުޅަކަށްވީމަ އެމަނިކުފާނާ އެކީގަ ރިސޯޓްތަކަށް ވަޑައިގެން އަރާމުކޮށްލައްވައި މިކަހަލަ ކަންތައްތަކުގައި ވަގުތު ހޭދަކޮށްލައްވަން ވަޑައިގެންނެވި ވަޑައިގެންނެވުމެއްގެ ގޮތުގައި އަޅުގަނޑު ސިފަ ކުރަނީ،" އަދުރޭ ވިދާޅުވިއެވެ.

ގާސިމަށް ފާޑު ވިދާޅުވެ އަދުރޭ ވިދާޅުވީ، ޕީޕީއެމް އާއި ޕިއެންސީއަކީ، ޕާޓީއަށް މީހުން ސޮއިކުރާކަން ދެއްކުމަށް ޖަލްސާތައް ބާއްވައި ޓައީ އަޅައިގެން އައިސް ބޮޑެތި ތަގުރީރުތައް ދިނުމަށް އިސްކަންދޭ ބައެއްނޫން ކަމަށެވެ.

"އަޅުގަނޑުމެންނަކީ އިސްތިހާރު ކުރުމުގެ ބައި އެހާބޮޑަށް ގެންގުޅޭ ބަޔަކަށްނޫންވީމަ އެހެންނޫންނަސް އަޅުގަނޑުމެނަށް ވެސް މި ހޯލު ތެރޭގައި ދެރެއިން އެއްރޭ ޖަލްސާއެއް ބާއްވައިފަ ބަޔަކު ލައްވައި ސޮއިކުރެވިދާނެ، ދެން އެގޮތަކަށް އަޅުގަނޑުމެން އެކަން ކުރާކަށް ގަސްތެއް ނުކުރަން، އެއީ ދެން ޕާޓީއަށް މީހުން އިތުރު ކުރުމުގެ ނަމުގައި މިތާ ޓައީ އަޅައިގެން ތިބެފަ ކޮންމެސް ދެމީހަކު ލައްވައި ސޮއިކުރުވައިފަ ބޮޑެތި ތަގުރީރުތައް ދިނުމަކީ އެއީ އަޅުގަނޑުމެން ދެޕާޓީން އެހާ ސަމާލުކަމެއް ދޭ ކަމަކަށްނުވާތީ އެކަން ނުކުރަނީ،" އަދުރޭ ވިދާޅުވިއެވެ.