ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އަލަށް ގުޅުނު މެމްބަރުންނަށް އެހެން ބޭފުޅުން އަމާޒުކުރައްވާ ޒާތީ ބަސްތަކަށް ޕާޓީގެ ފަރުވާލެއް ނެތް ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.
އަލީ ސޯލިހް މިހެން ވިދާޅުވީ ޖޭޕީ އަކީ ސިޔާސީ މަސައްކަތަށް ކަމުދާ ޕްލެޓްފޯމެއްނޫން ކަމަށާއި، މީގެ ކުރިން ޕީޕީއެމްގައި ތިއްބެވި އިސް ފަރާތައް ޖޭޕީއާ ގުޅުނީ ކުރާނެ ކަމެއް ނެތިގެން އެހެން މަންފާއެއް ހޯދައި މުނި ފޫހި ފިލުވުމަށް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޖޭޕީއާ ފަހަކަށް އައިސް ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ނިސްބަތްކޮށް އެއީ މުނިފޫހި ފިލުވަން އައި ބައެއް ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން ފާޑުކިޔާކަން ފާހަގަ ކުރައްވައި ސްޕޯކްސްޕާސަން، އަލީ ސޯލިހް ވިދާޅުވީ ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންނަށް އެހެން ބޭފުޅުން އަމާޒުކުރައްވާ މިފަދަ ބަސްތަކަށް ފަރުވާލެއް ނެތް ކަމަށެވެ.
އަލީ ސޯލިހް ވިދާޅުވީ މިހާތަނަށް ޕާޓީއަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ކުރިންވެސް އިސް ސަފުގައި ހަރަކާތްތެރިވި ލީޑް ޕޮލިޓީޝަނުން ވަރަށް ހަރަކާތްތެރިކޮށް ޖޭޕީއަށް އެބަ ހިދުމަތް ކުރަމުން ގެންދާ ކަމަށާއި ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ވެސް އެބޭފުޅުން މަސައްކަތް ކުރައްވާ ކަމުގައެވެ.
ޖޭޕީއާ ގުޅުނު ބޭފުޅުންނަކީ ޕާޓިއަށް ކުރިއެރުން ގެނެސްދެވިދާނެ ބައެއް ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެހެންކަމުން އެ މެމްބަރުންނަށް ޒާތީ ބަސް ރައްދުކުރާ ބޭފުޅުން އެކަން ކުރަނީ ޖޭޕީއަށް ކުރިއެރުން ލިބޭތީ އެކަމުން ހިތަށް ކުރާ އަސަރެއްގެ ސަބަބުން ކަމަށެވެ.
އަދި ޕާޓީގެ ރައީސް، ގާސިމް އިބްރާހިމް ގެ ސިޔާސަތަކީ މި ގައުމަށް އަބަދުވެސް ހެވާއި ލާބަ ހޯދުން ކަމަށާއި އެކަމަށް ޖޭޕީ އިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.
ޖޭޕީއަށް ފާޑުވިދާޅުވާ ބޭފުޅުންނަށް އަމާޒުކުރައްވައި އަލީ ސޯލިހް ވިދާޅުވީ "ހިތްދަތިވާ ބޭފުޅުން އައިނު ސާފުކޮށްލައްވާ އަލުން ބައްލަވާ، މަންޒަރު ވަރަށް ސާފުވާނެ" ކަމަށެވެ.
މި ފަހަކަށް އައިސް ޖޭޕީ އަށް ވަނީ ގިނަ އަދަދެއްގެ މެމްބަރުން ގުޅިވަޑައިގެންފައެވެ.