ޚަބަރު

މަރުވެފައި އޮއްވާ ފެނުނު މީހާގެ ނިއްކުރީގައި ހުރި ޒަހަމަކީ މީހަކު ދިން އަނިޔާއެއް ކަމަކަށް ނުބެލެވޭ: ޕޮލިސް

އާނިފާ ހުސެއިން ސިރާޖް

މަރުވެފައި އޮއްވާ، ހ. އަންނާރުމާގެއިން މިއަދު ފެނުނު މީހާގެ ނިއްކުރީގައި ހުރި ޒަހަމް އަކީ އެހެން މީހެއްގެ ފުށުން ލިބިފައިވާ އަނިޔާއެއް ކަމަށް ބެލެވޭނެ އެއްވެސްކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހެނދުނު ހ. އަންނާރުމާގޭގައި މަރުވެފައި އޮއްވާ ފެނުނީ އެގޭ، ހުސެއިން ހިޝާމް ރަޝީދު (29އ) އެވެ.

ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވޭ ފެނިގެން ފުލުހުން ނަށް ރިޕޯޓް ކޮށްފައިވަނި މިއަދު ހެނދުނު 10:24 ގައި ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާތަނަށް ބެލި ބެލުމުން ނިޔާވި މީހާގެ އަނގައިން ފޮނު އައިސްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އަދި އެމީހާގެ ނިއްކުރީގައި ތިލަކޮށް ކަނޑައިގެން ގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް ފުލުހުން ބުނީ އޭނާމެ ނިއްކުރީގައި ހުރި އަނިޔާ އަކީ، ފުރާނައަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ނޫން ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ނިއްކުރީގައި ހުރި ޒަހަމަކީ އެހެން މީހެއްގެ ފުށުން ލިބިފައިވާ އަނިޔާއެއް ކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަަށް ފުލުހުން ބުންޏެވެ.

ހިޝާމްގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލައި ސާފުކުރަން ޖެހޭ ކަންކަން ސާފުކޮށް މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަންނާރުމާގެ އަކީ ނޫސްވެރިޔާ އަދި ބްލޮގަރު، ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިސްމާއީލް ހައިޝަމް ރަޝީދު ނިސްބަތްވާ ގެއެވެ.

މަރުވެފައި އޮއްވާ ފެނުނު ހިޝާމް އަކީ ހައިޝަމްގެ ބޭބެއެވެ.