ކެނެޑާގެ ޖޮގްލިން އެތުލީޓު މައިކަލް ކަޕްރަލް ރާއްޖޭގައި ގާއިމް ކުރުމަށް އަމާޒު ހިފި ދެވަނަ ވޯލްޑް ރެކޯޑު މިއަދު ގާއިމް ކޮށްފިއެވެ.
ކަޕްރަލް މިއަދު ރާއްޖޭގައި ގާއިމް ކުރި އޭނާގެ ދެވަނަ ރެކޯޑަކީ ތިން ބޯޅަ ޖޮގްލް ކުރަމުން ސިޑިއަކުން އަރައި ފޭބުމުގެ ރެކޯޑެވެ.
ސަލްޓަން ޕާކުގައި ގާއިމް ކުރި މި ރެކޯޑުގައި އޭނާ ވަނީ ތިން ބޯޅަ ޖޮގްލް ކުރަމުން ގަޑިއިރެއްގެ ތެރޭ 3000 ފަހަރަށް ސިޑީގެ ހަރުފަތްތަކުން އަރައިފައެވެ. މީގެ ކުރިން އޭނާ ހެދި މިފަދަ ރެކޯޑުގައި އަރާފައި ވަނީ 600 ހަރުފަތަށެވެ.
އޭނަ ވަނީ ރާއްޖޭގައި ގާއިމް ކުރުމަށް އަމާޒު ހިފި ފުރަތަމަ ރެކޯޑު، ހަތަރު ބޯޅައާއެކު ޖޮގްލް ކުރަމުން އެންމެ އަވަހަށް ދިހަ ކިލޯމީޓަރަށް ދުވުމުގެ ރެކޯޑު މިމަހުގެ ފަސްވަނަ ދުވަހު އައްޑޫސިޓީގައި ބޭއްވި "ކޮކާ ކޯލާ ރަން އިން އައްޑޫ" ގައި ގާއިމް ކޮށްފައެވެ. އެއީ ދުނިޔޭގެ ރެކޯޑު ފޮތަށް މުޅިން އަލަށް އެރި ރެކޯޑެކެވެ.
ހަތަރު ބޯޅަ ޖޮގްލް ކުރަމުން ދިހަ ކިލޯމީޓަރުގެ ދުވުން، ކަޕްރަލް ފުރިހަމަކުރީ 55 މިނެޓާއި 48 ސިކުންތުންނެވެ.
ޖޮގްލް ކުރުމަކީ ބޯޅަ އުކަމުން ދުވުމެވެ.
މީގެ ކުރިން ކަޕްރަލް ވަނީ ޖޮގްލް ކުރަމުން މެރަތަން އާއި ހާފް މެރަތަން ދުވުން އެންމެ އަވަހަށް ނިންމި ރެކޯޑު ވެސް ގާއިމް ކޮށްފައެވެ. އެ ދެ ރެކޯޑު އަދިވެސް އޮންނަނީ އޭނާގެ އަތުގައެވެ.
ރާއްޖެއިން ވަނީ މިއަހަރުގެ ޓޫރިޒަމް ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރޭގައި ވެސް ދުނިޔޭގެ ރެކޯޑެއް ހަދައިފައެވެ.
އެއީ އެންމެ ގިނަ މީހުން އެއްފަހަރާ ފްރީޑައިވް ކުރުމުގެ ރެކޯޑެވެ. އެ ހަރަކާތުގައި 520 މީހުން ބައިވެރިވެފައިވާ އިރު، ކުރިން އިޓަލީން އެ ރެކޯޑު ހަދާފައިވަނީ 280 މީހުންނާއެކުއެވެ.