މާފަންނުގައި ހުންނަ ފިހާރައަކަށް ދެ މީހަކު ވަދެ ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު އެ ފިހާރައިން ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުން ބުނީ މިކަމުގެ ރިޕޯޓު މިއަދުގެ 3:04 ހާއިރު ލިބިފައިވާ ކަމަށާއި އެ ދެ މީހުން ފިހާރައަށް ވަދެ ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު ވަތްގަނޑުގައި ހުރި ފައިސާ އާއި ސިގިރޭޓް ފޮށިތަކެއް ފޭރިގެންފައިވާ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ދެ މީހަކު ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން ބިރުދައްކައިގެން ފޭރޭ ވީޑީއޯއެއް ދަނީ ސޯޝަލް މީޑިއާގައިވެސް ދައުރުވަމުންނެވެ.
މި ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދެމީހުން ފިހާރައަށްވަދެ ވަޅިއެއް ކަހަލަ އެއްޗަކުން ފިހާރައިގެ ސޭޓަށް ބިރުދެއްކުމަށްފަހު ވަތްގަނޑުގައި ހުރި އެއްޗިހި ތަކެއް ނަގާތަން ފެނެއެވެ.