އިބްރާހިމް ޒަކީ
ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން މާތް ނަބިއްޔާ ދިފާއުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގައި ހުރި ނުބައި ކަމާއި، އެކަލޭގެ ފާނުދެކެ ލޯބިވެ ތަބާވުގެ މާތްކަން މުގެ މައްޗަށް ހުކުރު ހުތުބާ ބައްޓަންކޮށްފައިވާއިރު، ހުތުބާގައި ބުނެފައިވަނީ، މާތް ނަބިއްޔާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމަ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއްކަމަށެވެ.
ހުތުބާގައި އިތުރަށް ބުނެފައިވާ ގޮތުގައި، ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ އިމާންކަމުގެ ދާއިރާއިން ބޭރުވާނެ އަމަލެއްކަމަށް އިލްމުވެރިން ވަނީ ވިދާޅުވެފައެވެ. އެކަމަކީ މުސްލިމުނަށް ބަރުދާސްކުރެވޭނެ ކަމެއް ނޫންކަމަށް ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
މާތް ނަބިއްޔާއަކީ މާތްވެގެންވާ އިސްލާމްދީނާއިގެން ވަޑައިގެންނެވި ތަގްވާވެރިންގެ އިމާމްކަން ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.
ހުތުބާގައި ވަނީ މަހުޝަރުގެ މައިދާނަށް ހަލްގުތަކުން އަލުން ފޮނުވި ،އުތުރިއަރާ ވަގުތު އެބޭކަލަކަށްޓަކައި އެންމެ ފުރަތމަ ބިންގނަޑު ފެޅިގެންދާނެ ބޭކަލަކީ ކީރިތި ރަސޫލާއަށްކަން ފާހަގަކޮށްފައެވެ.
ސުވަރުގޭގެ ދޮރުކޮޅު އެންމެފުރަތަމަ ހުޅުވި، ފުރަތަމަ ސުވަރުގެއަށް ވަދެވެޑައިގަންނަވާނީވެސް ކީރިތި ރަސޫލާކަން ފާހަގަ ކޮށް، ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާގެ މަތިވެރި މަގާމަށް ގަދަރުކޮށް އިހުތިރާމްކޮށް އަދަބު ތައުޒީމް އަދާކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑު ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ކީރިތި ގުރުއާނުން ދަލީލު ދައްކަވައި، ހުތުބާގައި ބުނެފައިވަނީ، ކީރިތި ރަސޫލާއަށް އުނދަގޫކުރާ މީހުންނަކީ ދުނިޔެ އާއި އާހިރަތުގައި ލައުނަތްލެއްވި، އަދި އެކަލާނގެ އިހާނަތްތެރި އަޒާބު އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިފައިވާކަން ފާހަގަކޮށް، އެކަލޭގެ ފާނަށް އީމާންނުވެ، އެކަލޭގެފާނުގެ ހިދާޔަތަށް ފުރަގަސްދިން ކޮންމެ މީހަކީ އަބާއްޖަވެރިއެއެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.