ޚަބަރު

ރައްޔިތުންގެ ވެރިކަމެއް ކުރުމަކީ އަލަށް އުފެދޭ ސަރުކާރުގެ އަމާޒުކަމުގައި ހަދަންޖެހޭ: އިމްރާން

ޝަހީދާ އަބްދުﷲ ސައީދު

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫގެ) ގެ ސަރުކާރުގެ އެންމެ މުހިންމު އަމާޒަކަށް ވާންޖެހޭނީ ރައްޔިތުންގެ ވެރިކަމެއް ކުރުމަށް ކަމަށް، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހި ޖުމްހުރިއްޔާއަށް 50 އަހަރު ފުރުމާއި ގުޅިގެން ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވަމުން އިމްރާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވި ވެރިކަމުގެ ނިޒާމު ޚަރާބުކޮށް، ރައްޔިތުންގެ ވެރިކަން ގަޑުބަޑުކޮށްފައި، އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރުމަކީ އަލަށް އުފެދޭ ސަރުކާރުގެ އެންމެ މުހިންމު އަމާޒުކަމުގައި ހަދަންޖެހޭ ކަމަށެވެ.

އަދި ދެފުށް ފެންނަ، ރީތި އިސްލާމީ، ޑިމޮކްރެޓިކް، ހެޔޮވެރިކަމެއް ކުރަންޖެހޭ ކަމަށް ވެސް އިމްރާންގެ ޓުވީޓުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ ވެރިކަމެއް ކުރަންޖެހޭ ކަމަށް އިމްރާން ވިދާޅުވިއިރު، އިމްރާންއަކީ ގުޅިފައިވާ އިއްތިހާދުގެ އެއް ލީޑަރުއެވެ.