މުހައްމަދު ސިމާއު
ޔޫތް މިނިސްޓްރީން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑްކުރީ އުސޫލުތަކާއި ހިލާފަށް ކަމަށް ބުނެ، އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންޒާރެއް ދެއްވައިފިއެވެ.
އެމްޑީއެން ސަސްޕެންޑް ކުރަން ނިންމައި ޔޫތް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ ހިލާފު ވާހަކަތެއް ހުރި ކަމަށާއި ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކޮށްފައިވާ ކަަމަށް ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަ ބަލަމުން އަންނާތީ، މިއަދުން ފެށިގެން އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޝަހިންދާ ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ޔޫތް މިނިސްޓްރީގެ ރަޖިސްޓްރާ އެމްޑީއެން އާމެދު ފިޔަވަޅު އަޅާފައިވަނީ ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ހައްގު ވެސް ނުދީ ކަމަށެވެ.
އަދި އެވާހަކަތައް ދައްކަން ފަށައިފިނަމަ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރު ބެލުމަށް ބާއްވާ ސެޝަން، ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކަށް ރައީސް ސޯލިހު ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައިވެއެވެ.
އެމްޑީއެން މިއަދު ސަސްޕެންޑް ކުރިއިރު، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމްޑީއެންގެ ރިޕޯޓް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަދި އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފައިމިވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވުމަށްފަހު، ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާފައި ވަނިކޮށެވެ.