އަލީ ރިފްޝާން
ވޯލްޑް ކަޕް ކޮލިފައިންގައި ހަނި ތަފާތަކުން ވަރުގަދަ ސީރިއާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރާޝިދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސީރިއާ އަތުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ސީރިއާގެ ހޯމް މެޗަކަށްވީ ނަމަވެސް، ސީރިއާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން އެ މެޗު ކުޅެން ނިންމީ ޔޫއޭއީގައެވެ.
ރާއްޖެއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވުމާ ގުޅިގެން ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެން މަޖުބޫރުވާނެއެވެ.
މިރޭގެ މެޗަށް ރާއްޖެއިން ނުކުތީ މުހިންމު ދެ ކުޅުންތެރިއެއް ނުލައެވެ. ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ)އަށް ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑެއް ދެއްކުމުގެ ސަބަބުން އޭނާ ހުރީ ސަސްޕެންޝަންގައެވެ. އޭނާގެ ބަދަލުގައި މިއަދުގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ. އަދި އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވެސް ރާއްޖޭގެ ޓީމުން ފެނިފައެއް ނުވެއެވެ.
ފިޓްނަސްގެ މައްސަލަތަކަކާ ގުޅިގެން މިރޭގެ މެޗުގެ ފުރަތަމަ އެގާރައިން އަލީ އަޝްފާގު (ދަގަނޑޭ) ފެނިގެންގޮސްފައެއް ނުވެއެވެ. ފޭދޫ އިއްބެ އާއި ދަގަނޑޭގެ ބަދަލުގައި ރާއްޖޭގެ ފޯވަޑް ލައިނުން ފެނިގެންދިޔައީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) އެވެ.
މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ސީރިއާ އިންނެވެ. ސީރިއާ އިން ކުރިއަށް ޖެހި ކުޅެމުންދިޔަ އިރު، ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ ފަހަތަށް ޖެހި، ޑިފެންސިވް ގޭމެއް ކުޅެމުންދިޔަ ތަނެވެ.
މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ސީރިއާއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ ކުރީކޮޅުގައި ޕެނަލްޓީ އޭރިއާ ބޭރުން ސީރިއާގެ މުހައްމަދު އަލްމާމޫރް ފޮނުވާލި ހަމަލާ ރާއްޖޭގެ ޑިފެންޑަރު ސަމާހު އަލީ (ސަމުއްޓޭ) ދިފާއު ކުރި އިރު، މެޗުގެ 17 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ސީރިއާގެ ކެޕްޓަން އޮމަރް އަލްސޯމާ ފޮނުވާލި ހަމަލާ ރާއްޖޭގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 26 ވަަނަ މިނެޓުގައި ސީރިއާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ސީރިއާއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލްސޯމާއެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ރާއްޖޭގެ ގޯލުގެ ތިރީ ކަނަކަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް ލިބުނު ހަމައެކަނި ފުރުސަތަކީ މެޗުގެ 29 ވަނަ މިނެޓުގައި ލިބުނު ފުރުސަތެކެވެ. ހަމްޕު ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން ދާދު ބޮލުން ފޮނުވާލި އެ ހަމަލާ، ސީރިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް، ލީޑު ފުޅާކޮށްލުމަށް ސީރިއާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ސީރިއާގެ ކެޕްޓަން އަލްސޯމާ ފޮނުވާލި އެ ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ސީރިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ރާއްޖެއިން ނުކުތީ ބަދަލަކާއެކުއެވެ. ފުރަތަަމަ އެގާރައިގައި ނުހިމެނުނު ރާއްޖޭގެ ކުރީގެ ކެޕްޓަން ދަގަނޑޭ ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ސީރިއާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ސީރިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކެޕްޓަން އަލްސޯމާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކޯނަރެއްގެ ތެރެއިން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަލްސޯމާ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ފައިސަލްއާ ދިމާއަށް ދިޔަ ނަމަވެސް، އޭނާއަށް އެ ބޯޅަ މަތަކުރެވިފައެއް ނުވެއެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ސީރިއާއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ އެޓީމުގެ ޑިފެންޑަރު އަހްމަދު އަލް ސަލާހަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އޭނާއަށް އެ ރަތް ކާޑު ދެއްކީ ސީރިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ދަގަނޑޭއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އެ ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމުން ރާއްޖެ އިން ވަނީ ނުރައްކާކޮށްފައެވެ. ޕެެނަލްޓީ އޭރިއާ ބޭރުން ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން ސީރިއާގެ ކީޕަރު އިބްރާހިމް އަލްމާ ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން ރާއްޖޭގެ ކުޅުންތެރިން ނުރައްކާކުރުމުގެ ކުރިން ސީރިއާގެ ކީޕަރު ވަނީ އެ ބޯޅަ ހޯދައިފައެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ރާއްޖެ އިން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ދަގަނޑޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހުސައިން ސިފާއު ޔޫސުފް (ކުރޯ) އެއްލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވަލައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސީރިއާއަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އަލްސޯމާ ފޮނުވާލި ހަމަލާ، ކީޕަރު ފައިސަލް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން އަލްމަވާސް ފޮނުވާލި ހަމަލާ ވެސް ފައިސަލް ވަނީ މަތަކޮށްފައެވެ.
ސީރިއާ އިން ވަނީ ކޮލިފައިންގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. "ގްރޫޕު އޭ"ގެ އެއްވަނައިގައި އޮތް ޗައިނާ އާއި ދެވަނައިގައި އޮތް ސީރިއާއަށް ވެސް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ޗައިނާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ފިލިޕީންސާއި ހަތަރުވަނައިގައި އޮތް ރާއްޖެއަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅެފައިވާ އިިރު، ފިލިޕީންސް ކުޅެފައިވަނީ ދެ މެޗެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.