ޚަބަރު

އާރަށުގައި ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅުގެ ފޮޓޯއެއް އާންމުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާރަށުގައި ހުންނަވާ ގެކޮޅުގެ ފޮޓޯތަކެއް މީސް މީޑިއާގައި އާންމުކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މީސް މީޑިއާގައި ފޮޓޯތައް ޓުވީޓު ކުރެެއްވުމަށްފަހު ވިދާޅުވެފައިވަނީ ''ވަށައިގެން ސިފައިންނާއި ފުލުހުން އަތުރައިގެން، އަދި ކޯޓުތަކުން ހަރާމް ހުކުމްތައް ކުރުވައިގެން، ގަދަ ބާރުން މުޅި އުމުރަށް ވެރިކަމުގައި ހުރެވޭނެ ކަމަށް ޔަގީންކޮށް އާރަށުގައި ޔާމީން އަޅާފައިވާ ގަނޑުވަރެއް'' ކަމަށެވެ.

އާރަށުގައި ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެގެ މަހުލޫފު ސިފަކުރައްވާފައި ވަނީ ''ގަނޑުވަރެއްގެ'' ގޮތުގައެވެ.

މި ފަހަކަށް އައިސް ރައީސް ޔާމީން ވަރަށް ގިނައިން އާރަށަށް ވަޑައިގަންނަވަ އެވެ. އަދި އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ ރަސްމީ ވަރަށް ގިނަ މަޝްވަރާ ބައްދަލުވުންތައް ވެސް އާރަށުގައި ކުރިޔަށް ގެންދަވަ އެވެ. އެ ގޮތުން ސަރުކާރުގެ ވަރަށް ގިނަ އޮފިޝަލުން ވެސް އެމަނިކުފާނުގެ އަރިހުގައި ވަގުތު ހޭދަކުރެއްވުމަށް އާރަށަށް ވަޑައިގަންނަވަ އެވެ.