ޝަހީދާ އަބްދުﷲ ސައީދު
އަންހެން ކުއްޖަކަށްވީތީ މުޖުތަމައުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް "ގާލްސް ލީޑް އިނީޝިއަޓިވް"ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ގާލްސް ލީޑް އިނީޝިއަޓިވް"ގެ ނަމުގައި ހިންގި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
ޖެންޑާ މިނިސްޓްރީން އިސްނަގައިގެން ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ސްކޫލްތަކާއި ކޮލެޖްތަކުގައި ތައުލީމު ހާސިލުކުރަމުންގެންދާ 16 އަހަރާއި 18 އަހަރާ ދެމެދުގެ 40 ކުދިން ބައިވެރިވިއެވެ.
ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި، އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި އަންހެން ކުއްޖަކަށްވީތީ މުޖުތަމައުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށްޓަކާ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އަންހެން ކުދިންގެ ލީޑާޝިޕް ހުނަރުތައް ތަރައްގީކުރުމާއި އަންހެން ކުދިންގެ ސިއްހަތާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް އދ.އިން އެކުލަވައިލައިފައިވާ މުއާހަދާއަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގި ކަމަށެވެ.
އަދި މި ޕްރޮގްރާމްގައި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކާއި ބައެއް އިދާރާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ފާހަގަކޮށްލެވޭ އަންހެނުންނާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ބައިވެރިންނަށް ދެވުނު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ނޮން-ޓްރެޑިޝަނަލް ރޯލުތަކަށް އަންހެން ކުދިންގެ ޝައުގުވެރިކަން އުފެއްދުމަށްޓަކައި ހިންގާ ހަރަކާތްތަކާއި އަންހެނުން މަދު ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ ފަރާތުން ކެރިއާ ގައިޑަންސް ދިނުން ވެސް ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިޔައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ މި އަހަރުގެ ޕްރޮގްރާމްގައި ދައުލަތުގެ ތިން ބާރާއި މީޑިއާ އާއި ވިޔަފާރީގެ އިތުރުން މަދަނީ މުޖުތަމައުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަންހެނުންނާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދިއުމަކީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ކަމަށެވެ.
އެހެންކަމުން، މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފައި މުސްތަގުބަލުގައި ނަމޫނާ އަންހެން ލީޑަރުންނަށް ވުމުގެ އަޒުމް ކަނޑައެޅުމަށް ބައިވެރިންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި އަންހެން ކުއްޖަކަށްވީތީ މުޖުތަމައުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އދ.ގެ އާންމު މަޖިލީހުން ފާސްކޮށްގެން 2011 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.
އަދި މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ވޭތުވެދިޔަ ތިން އަހަރު ވެސް ''ގާލްސް ލީޑް އިނީޝިއަޓިވް''ގެ ނަމުގައި ހާއްސަ ޕްރޮގްރާމްތަކެއް ހިންގާފައިވެއެވެ.