އަޅާލުމާ އޯގާތެރިކަމަކީ ނަފްސާނީ ބަލި ހުންނަ މީހުންނަށް އެންމެ ބޮޑަށް ބޭނުންވާ އެހީތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސްގެ ޓްވީޓުގައި ވިދާޅުވީ، އަމިއްލައަށް މަރުވަން ބޭނުންވުމާއ ޑިޕްރެޝަންއަކީ ނަފްސާނީ ބަލީގެ ސަބަބުން ކުރިމަތިވާ ކަންކަން ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އާއިލާއާ މުޖްތަމައުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އަމިއްލައަށް މަރުވުމުގެ މައްސަލަތައް މަދު ކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވިދާޅުވެފައިވެއެވެ.
ނަފްސާނީ ބަލި ހުންނަ މީހުންގެ ދުވަހާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވެސް ވަނީ، އެފަދަ މީހުންނާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ. އަދި އެފަދަ މީހުންނާ ގުޅޭގޮތުން ހުރިހާ ފަންތިއެއްގައ ވާހަކަދެއްކުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެެއްގެ ވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ހޭލުންތެރި ކުރުވައި އެބަލި ތަހައްމަލުކުރާ މީހުންނަށް އެހީތެރިވުމަށް ބާރު އެޅުމުގެ ގޮތުންނެވެ.