ޝަހީދާ އަބްދުﷲ ސައީދު
ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ވެލި ލިބުމުގައިހުރި ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ކައުންސިލަރުން ވަނީ އެ ސިޓީގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫއު ތަކާއި ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ އުމުރާނީ މަސައްކަތްތައް ކުރުމަށް ވެލި ލިބުމުގައި ހުރި ދަތިތަކާއި ރަށުގެ ސްކޫލުތަކަށް އިތުރު ވަސީލަތްތައް ބޭނުންވާ ކަމާއި ތައުލީމީ ދާއިރާއިން ހުރި ކަންބޮޑުވުންތަކާއި އަދި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅިގެން ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.
މީގެއިތުރުން ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކާއި މަސްވެރިންނާ ދަނޑުވެރިންގެހުރި ކަންބޮޑުވުންތަކާއި ރަށްގިރުމުގެ މައްސަލަ އާއި ބަނދަރުގެ މައްސަލަ އާއި ސިއްހީ ދާއިރާއިން ގެންނަން ބޭނުންވާ ކުރިއެރުންތަކާ ބެހޭގޮތުންނާއި ޒުވާނުންގެ ތަރައްގީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުންނާއި ކުނި މެނޭޖްކުރުމުގައިހުރި ދަތިތަކާ ގުޅޭގޮތުން ކައުންސިލަރުން ރައީސްއާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކުގެ ބަނދަރުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ކައުސިލަރުންނާ ހިއްސާކުރެއްވިއެވެ. އަދި ފުވައްމުލައް ސިޓީގެ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހައްލު ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.