ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުއަށް ފުލުހުން ދެމުންދިޔަ ސެކިއުރިޓީ ދޫކޮށްލީ، އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން ޒިންމާ ނަގަން ބޭނުން ނުވާތީ ކަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން' 'އަށް މައުލޫމާތު ދެއްވަމުން ސިރާޖު ވިދާޅުވީ އަދީބަށް ފުލުހުން ދެމުންދިޔަ ސެކިއުރިޓީ ރޭ އިރާކޮޅު، ފުލުހުން ދޫކޮށްލާފާއިވާ ކަމަށެވެ. އެހެންކަމުން މިހާރު ސެކިއުރިޓީ ބަލަހައްޓަމުން އަންނަނީ މޯލްޑިވްްސް ކަރެކްޝަނަލް ސާވިސްއިން ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ އަދީބުގެ ސިއްހީ ހަލަތު ދަށްވީ ޑޮކްޓަރުން ދީފައިވާ ލަފާގެ ދަށުން އަމަލު ނުކުރުމުން ކަމަށެވެ. އެގޮތުން ލޮލުގެ ބައްޔެއް ކަމަށްވާ ގުލަކޯމާއަށް ފަރުވާ ކުރުމަށް، މިއަހަރުގެ ޖެނުއަރީ އެކެއްގައި ޑޮކްޓަރަށް ދެއްކުމުން ލޮލުގެ ޚާއްސަ ފަރުވާއެއް ދިނުމަށް ރާއްޖެއިން ބޭރަށް ދާން ލަފާ ދެއްވި ކަމަށެވެ.
އަދި 10 މެއި ގައި ޑޮކްޓަރަށް ދެއްކުމުން ކިޑްނީގެ މައްސަލައެއް ހުރިކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށާއި، 24 އޮކްޓޯބަރުގައި ޑޮކްޓަރަށް ދެއްކުމުން ކިޑްނީގައި ހިލަ އުފެދިފައި ހުރިކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ސިރާޖު ވިދާޅުވިއެވެ.
ކިޑްނީގެ މައްސަލަ ބޮޑުވެފައި ވާތީ، ބާރުގަދަ ބޭހެއް ދިނުމަށްފަހު ދެމަސްވަންދެން ގޭގައި ބަހައްޓަން ކަރެކްޝަނަލް ސާވިސްއަށް އެންގިކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ. ސިރާޖު ވިދާޅުވީ ޑޮކްޓަރުން ދެއްވާފައިވާ ލަފާގެ ދަށުން އަމަލުކުރިނަމަ މިއަދު އަދީބުގެ ސިއްހީ ހާލަތު މިހާ ހިސާބަށް ނުދާނެ ކަމަށެވެ.
އަދީބުގެ ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، އިއްޔެ ރެއިން ފެށިގެން އަންނަނީ ފަރުވާ ދެމުންނެވެ. ތަފާތު އެކި ކުށްތައް ސާބިތުވުމާއި ގުޅިގެން ޖުމްލަ 33 އަހަރުގެ ޖަލުހުކުމެއް އަދީބުގެ މައްޗަށް ވަނީ އިއްވާފައެވެ.