ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފަރާތުން އިޓަލީގައި ހިންގަމުންދާ ގިނަ ހަރަކާތްތަކުގެ ތެރެއިން "ޓީޓީޖީ ޓްރެވަލް އެކްސްޕީރިއެންސް" ފެއާގައި ބައިވެރިވެއްޖެއެވެ.
އެމްއެމްޕީއާރުސީން ބުނީ، އިޓަލީގައި ޓޫރިޒަމް ޓްރޭޑަށް އަމާޒުކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު، އެ ފެއާގައި އެމްއެމްޕީއާރުސީ އާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 25 ކުންފުންޏަކުން ބައިވެރިވާ ކަމަށެވެ.
އެގޮތުން ފެއާގައި ރާއްޖެ ތަމްސީލުކުރާނީ ސްޓޭންޑުގައި ރާއްޖޭގެ ރިތިކަން ދަށްކާލުމަށް ހިތްގައިމު މަންޒަރުތައް ބޭނުންކޮށްފައިވާއިރު، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ މީހުން އިތުރުކުރުމަށްޓަކާ ކުޅިކާޖާ އާއި ބޮނޑި ފަދަ ރާއްޖޭގެ ރަހަތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ސްޓޭންޑުން ލިބޭނެ ކަަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އަދި ސްޓޭންޑުގައި ބަހައްޓާފައިހުރި އިންސްޓަގުރާމް ފްރޭމާއެކު ފޮޓޯއެއް ނަގައި ވިސްޓް މޯލްޑިވްސް ގެ ހޭޝްޓެގާއެކު އިންސްޓަގުރާމްގައި ޕޯސްޓްކުރާ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ކޮމެންޓް ލިބޭ ފޮޓޯއަކަށް ފުރަވެރި ރިސޯޓުން ޗުއްޓީ ދަތުރެއް ލިބޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީ އިން މައުލޫމާތުދެއެވެ.
އެ ކޯޕަރޭޝަނުން ބުނީ، މި ފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި ފެއާއަކީ އިޓަލީގައި ސީދާ ޓޫރިޒަމް ޓްރޭޑަށް އަމާޒުކޮށްގެން ހިންގޭ އެންމެ މުހިންމު އެއް ފެއާއަށް ވެފައި މިއީ އިޓަލީގައި ރާއްޖެ އިޝްތިހާރުކޮށް ވިޔަފާރި އިތުރަށް ފުޅާކުރަން ހުޅުވިގެންދާ ދޮރަކަށް ވެގެންދާތީ ކަމަށެވެ.
އެގޮތުން ފެއާގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން އިޓަލީގެ މާކެޓުގައި އިތުރަށް އިސްތިހާރު ކުރެވޭނެ ގޮތްތަކާމެދު ފެއާގެ އެކި ބައިވެރިންގެ މެދުގައި މަޝްވަރާކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ނުވަދިހަ ގައުމަކުން 2131 އެގްޒިބިޓަރުން މި ފެއާގައި ބައިވެރިވާއިރު، 44647 މީހުން މި ފެއާއަށް ޒިޔާރާތްކުރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން މި ފެއާގައި ބައިވެރިވުމުގެ އިތުރުން ރޯޑް ޝޯ އެއް ވެސް ކުރިއަށް ގެންދަންވަނީ ނިންމައިފައެވެ.
"ޖާނީ ޓު ދަ ސަނީ ސައިޑް"ގެ ދަށުން ކުރިއަށްގެންދާ އެ ރޯޑް ޝޯ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 14 އަދި 15 އަށް އިޓަލީގެ ރޯމްގައެވެ.
އެމްއެމްޕީއާރުސީން ބުނީ، މި ރޯޑް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ނުވަަ ފަރާތަކުން ބައިވެރިވާ ކަމަށާއި އިޓަލީގެ ފަތުރުވެރިން އިތުރަށް ރާއްޖެ ގެނެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވިގެންދާނެ އެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރާތްކުރި ފަތުރުވެރިން އައިސްފައިވަނީ އިޓަލީންނެވެ. އަދި އިޓަލީއަކީ ރާއްޖެއަށް ފަތުރުވެރީން އަންނަ އެންމެ ވަރުގަދަ އެއް މާކެޓެވެ.
މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް 92،162 އިޓަލީގެ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 32.1 އިންސައްތައިގެ ކުރިއެރުމެކެވެ.