އަލިފާނުގެ ހާދިސާ

ވަގުތީ ހިޔާތަކުގައި 164 މީހުން އެބަތިބި، އަންނަ ހަފުތާގައި 28 މީހަކު ގެއަށް ބަދަލު ކުރެވޭނެ: އެންޑީއެމްއޭ

ފަތޯނާ ފާއިޒު

މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން 164 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ހ.ތިލަފުށީ ގޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާނާ ގުޅިގެން އަންހެނަކު ނިޔާވެ، 400އަށް ވުރެ ގިނަ މީހުން އުޅެމުން އައި ތަން ދޫކޮށް ދާން ޖެހުނެވެ. އެންޑީއެމްއޭއިން ބުނީ 38 އާއިލާއަކަށް ނިސްބަތްވާ 164 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި ކަމަށާއި، އެފަރާތްތަކަށް ބޯހިޔާވަހިކަން ދީފައިވަނީ ގާކޮށީގެ 14 އެޕާޓްމެންޓެއްގެ އިތުރުން ބައެއް ގެސްޓްހައުސްތަކުގައި ކަމަށެވެ.

އަދި ހަ އާއިލާއެއް ( ހ.އިމޯޝަން، ހ.ނިޝާން ޕްލާޒާ، ހ.ކީލް އަދި ހ.ގަސްވާ)ގައި އުޅޭ 28 މީހުން ވަގުތީ ހިޔާތަކުގައި ތިބީ އެމީހުން އުޅޭ ގެތައް މަރާމާތު ކުރާތީ ކަމަށާއި، އެ މަސައްކަތް ނިމުމުން އަންނަ ހަފްތާގައި އެ އާއިލާތައް ގެއަށް ބަދަލު ކުރެވޭނެ ކަަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

ހާލުގައި ޖެހުނު މީހުންގެ ކެއުމުގެ ހަރަދުވެސް ހަމަޖައްސާދީފައިވަނީ އެންޑީއެމްއޭއިންނެވެ. އެ އޮތޯރިޓީން ބުނީ އަލިފާނުގެ ސަބަބުން ގެއްލުންވި ގެތަކާ ގޭބިސީތަކުގެ އެސެސްމެންޓް ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އެ އެސެސްމެންޓް ހަދަނީ ގޭގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމާއި، އިމާރާތަށް ލިބުނު ގެއްލުންތަކަށެވެ. އެގޮތުން ޒަރޫރީ ހިފާ ގެންގުޅޭ ސާމާނަށް ލިބުނު ގެއްލުން ވަޒަން ކުރުމަށް 18 ގެއެއްގެ 92 ގޭބިސީއެއްގެ އެސެސްމެންޓް ހަދާ ނިމިފައިވާ ކަމަށް ޑިޒާސްޓަރއިން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީއާ، ހައުސިން މިނިސްޓްރީއާއި އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއަރުންނާއެކު ހަދާ އެސެސްމަންޓުގެ ދަށުން އިމާރާތަށް ލިބުނު ގެއްލުން ބެލުމަށް 31ގެއެއްގެ އެސެސްމަންޓް ހަދާފައިވެއެވެ. އެގަތަކުގެ ތެރެއިން އިތުރަށް ގެއްލުން ވަޒަން ކުރަން ޖެހޭ ތިން ގެެއެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.