ޚަބަރު

ނަފްސާނީ ސިއްހަތު ކުރިއެރުމަށް ކުރި މަސައްކަތްތަކަށް ގިނަ ކުރިއެރުންތަކެއް މިއަހަރު ލިބުނު: މިނިސްޓަރު

މިއަހަރަކީ ނަފްސާނީ ސިއްހަތު ކުރިއެރުމަށް ކުރި މަސައްކަތްތަކަށް ގިިނަ ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގައި ސިކުނޑީގެ ބަލިތަކާ ގުޅޭގޮތުން ހިދުމަތްތައް ރަނގަޅު ކުރުމަށް ސިއްހީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމްތަކަކީ ސަރުކާރުގެ ތަފާތު ގިނަ މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ދައުރު އޭގައި އެކުލެވިގެން ހިންގާ ޕްރޮގްރާމްތަކެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ނަފްސާނީ ސިއްހަތު ކުރިއެރުވުމަށް ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ އަމީން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެޝަނަލް މެންޓަލް ހެލްތް އިންސްޓިޓިއުޓް އުފައްދާ، ނަފްސާނީ ބަލިތަކަށް އާސަންދަ ލިބޭގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިއަހަރުގެ މާޗް މަހުގެ ތެރޭގައި އައިޖީއެމްއެޗްގައި ގާއިމްކުރި މެންޓަލް ހެލްތް ސެންޓަރުން މިހާތަނަށް 4000 އެއްހާ މީހުންނަށް ފަރުވާ ދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، އެހެން ހުރިހާ ސަރަހައްދު ތަކުގައި ވެސް ނަފްސާނީ ބަލިތަކުގެ ފަރުވާ ހަރުދަނާ ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން އަތޮޅުތެރޭގައި ތަރައްގީކުރުމަށް ނިންމާފައިވާ ފަސް ހޮސްޕިޓަލެއްގައި ނަފްސާނީ ބަލިތަކުގެ ފަރުވާ ފުޅާ ދާއިރާއެއްގައި ދިނުމަށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރިކޮށް، ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ދޭންވާ އަޅާލުމަށް މީހުން ހޭލުންތެރުކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ބަޔާނުގައި ވިދާޅުވިއެވެ.

އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ދެމުންދާ ހިދުމަތްތައް ހަރުދަނާ ގޮތެއްގައި މޮނިޓާކޮށް ބެލެހެއްޓުމުގެ ގޮތުން އެކަމަށް ހާއްސަ ވަކި ޔުނިޓެއް މިނިސްޓްރީގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ނަފްސާނީ ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގައި މިކަމަށް ސަމާލުކަން ގެނެސް، މުޖުތަމައު، ދޭދޭ ގައުމުތައް، ސަރުކާރު، އަމިއްލަ ފަރާތްތައް އަދި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމުގެ މަގްސަދުގައި ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް މިއަހަރު ފާހަގަކުރަނީ ''ނަފްސާނީ ދުޅަހެޔޮކަން'' މި ޝިއާރުގެ ދަށުންނެވެ.