މި ޒަމާނުގައި ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ބަޔަކު ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން ޖައިޓެކްސް" ގައި ތަގްރީރު ކުރައްވަމުންނެވެ.
ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިޔާއަކީ އޭގެ ޒާތުގައި ބޭނުންތެރި ވަސީލަތެއްކަން ހާމަކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ސަލާމަތީގޮތުން ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ޒަމާނުގައި ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުންދާ ކަމަށެވެ.
ދުބާއީގެ ވަރލްޑް ޓްރޭޑް ސެންޓަރުގެ "މޮޑަރން އެޑިޔުކޭޝަން ސްޓޭޖް" ގައި އިއްޔެ މިނިސްޓަރ މާރިޔާ ތަގްރީރު ކުރައްވާފައި ވަނީ 21 ވަނަ ގަރުނުގައި ސަލާމަތީ ނިޒާމާއި، ތައުލީމާއި ޓެކްނޮލޮޖީއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ރިއާޔަތްކޮށެވެ.
މިނިސްޓަރ މާރިޔާގެ ތަގްރީރުގައި އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ޖަޒީރާވަންތަކަން ނުގެއްލޭނެހެން ޒަމާނީ ޓެކްނޮލޮޖީ އާއި ތައުލީމުގެ އެހީގައި މިހާރަށްވުރެ އިލްމީ ގާބިލް، ސިއްހީގޮތުން ދުޅަހެޔޮ އަދި ބަދަހި މުޖްތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ތަސައްވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން، މިނިސްޓަރ ވަނީ، އީ ގަވަރމަންޓް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން އިންސާފުވެރިކަމާއެކީ އަދި ދެފުށް ފެންނަގޮތަށް ދައުލަތުން ހިދުމަތް ފޯރުވައިދިނުމަށް، ޔޫއޭއީގެ ސަރުކާރުން ފަރުމާކުރައްވާފައިވާ ޓެކްނޮލޮޖީތައް ފާހަގަކުރައްވައި އެކަމަށް ތައުރީފުކުރައްވާފައެވެ. އަދި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރައްޔިތުންނަށް ހިދުމަތް ފޯރުވައިދިނުމަކީ ރައީސް ސޯލިހުގެ ޒީރޯ ޓޮލެރަންސް އޮން ކޮރަޕްޝަންގެ ސިޔާސަތަށް ލިބޭނެ ކުރިއެރުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަ ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅު މިހާރު ނިންމަވާލައްވާފައިވާއިރު، މި ދަތުރުފުޅުގައި މިނިސްޓަރ މާރިޔާ ވަނީ، ޔޫއޭއީގެ މިނިސްޓަރ އޮފް އިންޓީރިއަރ އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ލެފްޓިނެންޓް ޖެނެރަލް ޝެއިހް ސައިފް ބިން ޒައިދު އަލް ނަހްޔާނާ ވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ލެފްޓިނެންޓް ޖެނެރަލް ޝެއިހް ސައިފް ބިން ޒައިދު އަލް ނަހްޔާން ވަނީ، އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ތަމްރީނު ކުރުމުގައި ޔޫއޭއީން އެހީތެރިވާނެކަމަށް ވިދާޅުވެފައެވެ.