މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރި މުދާ އިތުރުވެ، ދައުލަތުގެ އާމްދަނީ އިތުރުވެއްޖެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސްއިން އާންމުކުރި ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އެކްސްޕޯޓު ވަނީ 22 އިންސައްތަ އިތުރެވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގު 136 މިލިއަން ރުފިޔާއަށް އަރާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު 166 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން އެކްސްޕޯޓުކޮށްފައިވެއެވެ.
އެހެންކަމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު، މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލިބުނު އާމްދަނީ ނުވައިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްޕޯޓް އަދި އިމްޕޯޓުން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 262 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 286 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ އިމްޕޯޓް ވެސް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު ހަތަރެއް އިންސައްތަ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 3.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓު ކޮށްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ، ޗައިނާ އަދި އިންޑިއާއިން ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޔޫއޭއިން 720 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާރު، ޗައިނާއިން 703 މިލިއަން އަދި އިންޑިއާއިން 370 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހުގެ ތެރޭގައި ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓު ކޮށްފައި ވަނީ ތައިލޭންޑަށެވެ. ރާއްޖޭން މިދިޔަ މަހުގެ ތެރޭގައި 47 އިންސައްތަ މުދާ އެކްސްޕޯޓުކޮށްފައި ވަނީ ތައިލޭންޑަށެވެ.