ޚަބަރު

ވޯޓުލާ ގަޑި މިރޭ 7:00 އާ ހަމަޔަށް، ކިޔުގައިވެސް ޖެހެވޭނެ

ރިޔާސީ އިންތިޚާބުގެ ވޯޓުލާ ވަގުތު މިރޭ 7:00 އާ ހަމަޔަށް އިތުރުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އެގޮތަށް ފާސްކުރީ އެ ކޮމިޝަނުން ބޭއްވި އިންތިޚާބާ ބެހޭ ޚާއްސަ ޖަލްސާއެއްގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މި ގޮތަށް ފާސްކުރުމުން ވޯޓުލާން އެންމެ ފަހު ވަގުތެއްގެ ގޮތުގައި ދެން ކިޔުގައި ޖެހެވޭނީ މިރޭ 7:00 އާ ހަމަޔަށެވެ. އަދި އެ ގަޑިއަށްވުރެ ކުރިން އެއްވެސް ވޯޓު ފޮއްޓެއް ގުނަން ނުފަށާނެ ކަމަށް އިލެކްޝަންސްގެ ތަރުޖަމާނު އަދި އެ ކޮމިޝަނުގެ މެމްބަރު އަކްރަމް ވިދާޅުވެއެވެ.

އެގޮތަށް ފާސްކުރި ނަމަވެސް ކޮމިޝަނުގެ އެދިވަޑައިގަތުމަކީ ވީ އެންމެ އަވަހަކަށް ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ އިންތިޚާބީ ހައްގު އަދާކުރައްވައި ވޯޓު ދެއްވުމެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ވޯޓު ލުން ފެށިގެން ކުރިޔަށްދާ އިރު، ކިޔުތައް ދިގުވެ ބައެެއް ސަރަހައްދު ތަކުގައި ކިޔުގައި މީހުން އެތައް ގަޑި އިރެއް ވާންދެން ކޮޅަށް ތިބެން ޖެހުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.