ފީނަން ގޮސް އުޅުމުގެ ތެރޭގައި ޑިންގީއެއްގެ ބުރަފަތިން ޖެހި ރ. އިނގުރައިދޫގައި ފައި ބުރިވި ޒުވާނާ އަވަސް ފަރުވާއަށް މާލެ ގެނެސްފިއެވެ.
މި ހާދިސާގައި އަނިޔާވީ އެރަށު ހުދާމާގެ، 27 އަހަރުގެ މުހައްމަދު ހަލީމަށެވެ.
އެމްއެންޑީއެފް އިން ބުނީ ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަޔަށް ލިބުނު ޒަހަމްތަކާ ގުޅިގެން ބ. ކަމަދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އަވަސް ފަރުވާއަށް އެމްއެންޑިއެފް ކޯސްޓްގާޑް ލޯންޗް "ވެލާނާ" ގައި ރޭގެ 11:40 ހާއިރު އެމީހާ މާލެ ގެެނެސް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ނަމަވެސް މިހާރު އެނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މިކަމާ ގުޅިގެން އޭޑިކޭ ހޮސްޕިޓަލްގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.
މި ހާދިސާއާ ގުޅިގެން އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހަސަން ''ވަން'' އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ އިނގުރައިދޫ އުތުރުން ޖެހިގެން އޮތް ތިލައަކަށް، ހަތަރު ޒުވާނަކު ފީނަން ގޮސް އުޅުމުގެ ތެރޭގައި ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެން ކަމަށެވެ.
އަދި އެ ޑިންގީއަކީ އިނގުރައިދޫން ފުރައިގެން އެއަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރަށް ދަތުރުކުރި، ކޮއްޓަފަރު ޑިންގީއެއް ކަމަށް އަބްދުﷲ ހަސަން ވިދާޅުވިއެވެ.