ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުގައި ޗައިނާގެ އެމްބަސީ އެޅުމަށް ބިން ހަމަޖައްސައި ސަރުކާރުން ބިން ދޫކޮށްފިއެވެ.
އިއްޔެ އޮތް ރަސްމިއްޔާތެއްގައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެމްބަސީ އެޅުމަށް ބިން ދޫކުރުމުގެ ލިޔުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަަ ސަފީރާ ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތަށްފަހު މިނިސްޓަރ ޝާހިދް ކުރެއްވި ޓުވީޓެއްގައި މިހާރުވެސް އިންޑީއާ، ބަނގުލަދޭޝް އަދި ސްރީލަންކާގެ އެމްބަސީތައް އެޅުމަށް ހުޅުމާލެއިން ބިން ދޫކޮށްފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ، މުސްތަގުބަލުގައި އަދިވެސް އިތުރު އެމްބަސީތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައެވެ.
ހުޅުމާލޭގައި ޗައިނާގެ އެމްބަސީ އެޅުމަށް ބިން ދޫކުރުމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަދި ފޮރިން މިނިސްޓަރ ޝާހިދަށް ޝުކުރު ދަންނަވައިފައެވެ.
ރާއްޖޭގައި ގާއިމުކޮށްފައިވާ އެމްބަސީތައް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަދަލު ކުރުމަށް ވަކި ސަރަހައްދެއް ކަނޑައަޅާފައިވަނީ ގިނަ ގައުމުތަކެއްގައިވެސް އެކަން ކުރާ އުސޫލުގެ މަތިން އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި އެމްބަސީތައް ގާއިމުކުރަން ނިންމީ މާލެއަކީ މިހާރުވެސް ތޮއްޖެހިފައިވާ ތަނަކަށް ވުމުން މުސްތަގުބަލުގައި އިތުރު ގައުމުތަކުގެ އެމްބަސީތައް ރާއްޖޭގައި ހުޅުވާއިރު ޖާގައިގެ ދަތިކަން ކުރިމަތިވާނެތީ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.