ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ވިޔަފާރިތަކަށް ރައްކާތެރި، ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްްޖެ އެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ، ރާއްޖޭގައި ޔޫރަޕް އިންވެސްޓަރުން އިތުރުކޮށް ޔޫރަޕް ގައުމުތަކާއެކު ވިޔަފާރި ފުޅާ ކުރާނެ ގޮތް ތަކާ ގުޅޭ ދެ ދުވަހުގެ މަޝްވަރާ ބައްދަލުވުމަށްފަހު ދެ ފަރާތް ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އީޔޫ އަކީ ރާއްޖެއަށް މުހިއްމު ބައިވެރިއެއް ކަމަށާއި، އެބައްދަލުވުމަކީ ދެފަރާތުގެ ގުޅުން ހަރުދަނާ ކުރުމަށް އެޅިގެންދިޔަ އިތުރު ފިިޔަވަޅެއް ކަމަށެވެ. އެބަޔާނުގައި އީޔޫ އިން ބުނެފައިވަނީ، އީޔޫ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރަން އުއްމީދުކުރާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަންގެ ވަފުދަކާއެކު "އިންވެސްޓިން އިން ދަ މޯލްޑިވްސް" ނަމުގައި ހޮޓެލް ޖެން ގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި އިންވެސްޓް ކުރުމުގަ އާއި ޓްރޭޑް ކުރުމުގައި ރަނގަޅުކުރަން ރާއްޖޭން ވިސްނާ ކަންކަމާއި، ދިމާވާ ބައެއް ދަތިތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު ހުސައިން ރަޝީދު ހަސަން ހިމެނެއެވެ. އެ ބައްދަލުވުމުގައި ކޯޗެއާއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އީޔޫން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުންގްލައީ މާގް އެވެ.