ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތު ކުރިމިނަލް ކޯޓު ކައިރިއަށް އެއްވި ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަޖެހުން ހިންގައިފިއެވެ.
ޝަރީއަތް ކުރިއަށް ދިޔަ ވަގުތު، ރައީސް ޔާމީންގެ ސަޕޯޓަރުން އިހުތިޖާޖު ކުރަމުންދިޔައީ ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ބުނެއެވެ. އަދި އެމައްސަލައިގައި ސާބިތު ހެކި ނެތި ދައުވާ ނުކުރެވޭނެ ކަމަށް ސަޕޯޓަރުން ބުނަމުން ދިޔައެވެ.
އެހެން ދުވަސްތަކާ ހިލާފަށް ކޯޓު ސަރަހައްދަށް މިއަދު ގިނަ ބަޔަކު އެއްވި އިރު، އެމީހުން ބުނަމުން ދިޔައީ ރައީސް ޔާމީންގެ ޝަރީއަތް އަވަސްކުރީ، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އިދިކޮޅަށް ބޮޑު ކާމިޔާބެއް ލިބިދާނެތީ ސަރުކާރަށް އެކަމުގެ ބިރު އޮތުމުން ކަމަށެވެ.
ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގީ ސަޕޯޓަރުންގެ ތެރެއަށް އެސްއޯ ފުލުހުން ވަދެ ސަޕޯޓަރުންް ފަހަތަށް ޖައްސަން ފެށުމުންނެވެ. ހަމަނުޖެހުން ހިންގިނަމަވެސް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. އަދި އެވަގުތު އެސަރަހައްދުގައި ތިބި ބައެއް ނޫސްވެރިންވެސް ފަހަތަށް ޖެއްސި މަންޒަރުވަނީ ފެނިފައެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދު ނިންމަވައިލައްވަމުން ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، އަންނަ މަހުގެ ފަސް ވަނަ ދުވަހު ހުކުމްކުރުން އޮންނާނެ ކަމަށެވެ.