ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު އަޑުފޮއްޓާއި ނޭވާލާހޮޅީގެ ކެންސަރ ޓިއުމަރެއް ނެގުމަށް އޮޕަރޭޝަނެއް ކޮށްފި އެވެ.
އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހޮސްޕިޓަލުގެ ސާރޖަރީ ޓީމާއެކު މި އޮޕަރޭޝަން ކޮށްފައިވަނީ ރާއްޖޭގެ ހަމައެކަނި އޮންކޯ ސާރޖަން ޑރ.މުހައްމަދު ޝިފާން ކަމަށެވެ. މި ސާޖަރީ ކާމިޔާބު ކަމާއެކު ހޮސްޕިޓަލުން ކޮށްފައިވާކަމުގެ އިތުރަށް މި އޮޕަރޭޝަނާއި ގުޅެ އިތުރު މައުލޫމާތެއް އެ ހޮސްޕިޓަލުން އާންމެއް ނުކުރެއެވެ.
ނަމަވެސް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް އައިޖީއެމްއެޗް އިން މައުލޫމާތު ދެމުން ބުނީ މި ކެންސަރ ޓިއުމަރ ނެގުމަށް އޮޕަރޭޝަން ކޮށްފައިވަނީ އުމުރުން 50 އަހަރުގެ އަންހެނެއްގެ ކަމަށެވެ. އަދި އޮޕަރޭޝަން ކުރުމަށް ބަލިމީހާ ހޮސްޕިޓަލަށް ގެނައިއިރު، އޭނާގެ ހާލަތު ވަރަށް ކްރިޓިކަލްކަމަށް ޑރ.ޝިފާންއާ ހަވާލާދީ ޕީއެސްއެމް އިން ބުނެފައިވެއެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރު އަންހެން މީހާގެ އަޑުފޮށްޓާއި ކާ އެއްޗެހި ދަތުރުކުރާ ހޮޅިއަށް ކެންސަރ ޓިއުމަރ ފެތުރިފައިވާ ކަމަށް ޑރ.ޝިފާން ބުނެފައިވާ ކަމަށް ޕީއެސްއެމް އިން ބުނެފައިވެއެވެ.
މި އޮޕަރޭޝަނަކީ ގާތްގަނޑަކަށް ފަސްގަޑިއިރާ ބައިގެ އޮޕަރޭޝަނެކެވެ. މީގެ އިތުރުންވެސް އައިޖީއެމްއެޗް އިން އަންނަނީ އެ ހޮސްޕިޓަލުން މިހާރު ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރަށް އެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ދާދިފަހުން ލޭ ދިޔާކުރާ ބޭސް ބޭނުންކޮށްގެން ސިކުނޑީގައި ގަނޑުވާ ލޭކޮޅު ވިރުވާލުމުގެ ހިދުމަތް ދޭން އެ ހޮސްޕިޓަލުން ވަނީ ފަށައިފައެވެ.