މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަކީ ހައްލެއް ނޫން ކަމަށާއި އެޖަމާއަތުން އާންމުކުރި ރިޕޯޓް ހެދި މީހުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފިއެވެ.
ސަރުކާރުގައި ތިބި އެމްޑީއެންގެ ބޭފުޅުން ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން މިއަދު މަޖިލީސް އިދާރާ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ރައްޔިތުން އެކަމާ ކަންބޮޑުވާ ކަންކަން ހުރި ރިޕޯޓެއް ކަމަށެވެ.
އަދި އެކަން އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން ރައީސްގެ ސަމާލު ކަމަށް ގެނެސްފައިވާއިރު، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ކަންދެއްކުމަށް ކަމަށް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، އިސްލާމްދީނާ ހިލާފު، އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލަތަކުގައި ރައީސްގެ މައްޗަށް ގާނޫނު އަސާސީން އަމަލު ކުރުމަށް ލާޒިމްކުރާ ޒިންމާ އަދާ ނުކުރެވޭތަން ފެންނަމުންދާ ކަމަށެވެ.
''ހަމައެކަނި އެމްޑީއެން އުވާލުމަކުންނެއް ގާނޫނު އަސާސީގައި އެބުނާ ޒިންމާ އުފުލުނީކީ އެއްނޫން. އެމްޑީއެން އުވާލުމަށްފަހު ސަރުކާރު ތެރޭ އެބަތިއްބެވި، ރައީސް އޮފީހުގައި އެބަތިބި ޓެރަރިޒަމް ކޮންސަލްޓެންޓެއްގެ ގޮތުގަ ހަޔާ ކުރެވިފަ، ބޮޑެތި މުސާރަ ދީފަ ތިބި މީހުން މިޖަމިއްޔާއަށް ނިސްބަތްވާ. އޭގެ އިތުރުން ދައުލަތުގެ އެހެން މުއައްސަސާތަކުގައި ވެސް މި ތިއްބެވީ މި ބޭބޭފުޅުން. ހަރުދަނާ ޒިންމާދާރު ފިޔަވަޅެއް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކުރާ ކަންތައްތައް ފުރިހަމަ ގޮތުގައި އެ ޒިންމާ ނެގުގުކަމަށް ވާނީ މި ދަންނަވާ ގޮތަށް މި ޖަމިއްޔާއަށް ނިސްބަތްވާ ބޭފުޅުންނަށް ފިޔަވަޅު އެޅުން.'' ޝިޔާމް ވިދާޅުވިއެވެ.
މިސަރުކާރުން އެމްޑީއެންގެ ބޭފުޅުންނަށް ފިޔަވަޅު ނޭޅުމަށް އުޒުރަކަށް އެމީހުން ރާއްޖެއިން ބޭރުގައި ތިބި ކަމަށް ބުނަމުންދާކަން ފާހަގަކުރައްވާ ޝިޔާމް އިތުރަށް ވިދާޅުވީ، އެ ޖަމިއްޔާގެ ބޭފުޅުން ރާއްޖެއިން ބޭރުގައި ތިބުމަކީ އެމީހުންނަށް ފިޔަވަޅު ނޭޅެންވީ ސަބަބެއް ނޫން ކަމަށެވެ. އަދި މީގެކުރިން ވެސް އެކި ޖިނާއީ ކުށްތައްކުރުމަށްފަހު ގައުމުން ބޭރަށް ގޮސް ތިބި މީހުންގެ މައްޗަށް ދައުވާ އުފުލައި، ޕާސްޕޯޓު ހިފެހެއްޓިދާނެ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ ރައީސް ސޯލިހު އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ނެރުނު ބަޔާނުގައިވަނީ ތެދު ނޫން މައުލޫމާތު ހާމަކޮށްފައި ކަމަށެވެ. އަދި އެކަމާ ގުޅިގެން އާންމުންގެ ކިބައިން ރައީސް ސޯލިހު މައާފަށް އެދެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓަކީ 2015 ވަނަ އަހަރު ޝާއިރުކުރި ރިޕޯޓެއް ކަމަށް ބުނި ނަަމަވެސް އެ ރިޕޯޓަކީ މިއަހަރު އެ ޖަމިއްޔާއިން ނެރެ، ޝާއިއުކުރި ރިޕޯޓެއް ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެމްޑީއެންއަކީ މިހާރު ހަމައެކަނި ކަރުދާސް ގަނޑެއް ކަމަށާއި އޭގެ އެންމެ އިސް މީހުން ރައީސްގެ އެންގުމަށް މިހާރު ޖަމިއްޔާއިން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ނަމަވެސް އެމްޑީއެންގެ ރިޕޯޓު ލިޔުނު މީހުން ސުޕްރީމް ކޯޓުގައި މިހާރު އެބަ ތިބި ކަމަށާއި ރައީސް އޮފީހާއި ފުލުހުންގެ އިދާރާގެ އިސް މަގާމުތަކުގައި ވެސް އެޖަމިއްޔާގެ ބޯޑު މެމްބަރުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.