ވަގަށް ނަގާފައިވާ އެއްޗިހި ތަކަކާއި، ފައިސާ އަދި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު 09:40 ހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ އިރު، ޝައްކު ކުރެވިގެން ހުއްޓުވި މީހަކު ބަލައި ފާސްކުރިއިރު، އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެމްސަންގ ޓެބްލެޓަކާއި، "ގެލެކްސީ ނޯޓް 10" ފޯނެއް ހޯދާފައިވާ ކަމަށެވެ. އަދި 6697 ރުފިޔާ އާއި، 40 ޑޮލަރުގެ އިތުރުން 19،000 ރުފިޔާގެ އަގުހުރި ޓިސޮޓް ބުރޭންޑުގެ އަތުކުރި ގަޑިއެއްވެސް އެ މީހާގެ އަތުން ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއްވެސް އެމީހާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.