މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެންގެ) ރިޕޯޓަކީ ސަލްމާން ރުޝްދީ ފޮތާ އެއްވަރުގެ އެއްޗެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ "މިއީ 100 ޕަސެންޓް މުސްލިމް ގައުމެއް. އެމްޑީއެންގެ ރިޕޯޓަކީ ސަލްމާން ރުޝްދީ ފޮތާ އެއްވަރުގެ އެއްޗެއް" ކަމަށެވެ.
ޖަމީލް މިހެން ވިދާޅުވީ 2016 ވަނަ އަހަރު "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މި ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތް ދޮގުކޮށްފައިވާ ކަމަށާއި، ގުރުއާނާއި ސުންނަތާއި ހިލާފު ކަންކަން އެ ރިޕޯޓުގައި ހުރިކަމަށް ބުނާ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
ޖަމީލް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީއެންއާ މެދު ފިޔަވަޅު އެޅިކަމަށް ވާނީ ރިޕޯޓުގެ ފަހަތުގައި ތިބި މީހުން، ރައީސް އޮފީހާއި ދައުލަތުގެ މަގާމްތަކުން ވަކިކޮށް، ހައްޔަރުކުރަންޖެހޭ މީހުން މުޖްތަމައުގެ ސަލާމަތަށް ހައްޔަރުކުރުމުން ކަމަށެވެ.
ނަމަވެސް، ސަރުކާރުގެ މަގާމުތަކުގައި ތިބި އެމްޑީއެންގެ މެންބަރުން ސަރުކާރުގެ މަގާމުތަކުން ވަކި ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެންބަރު އަހުމަދު ޝިޔާމު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން މިއަދު ވަނީ ބޭރުކޮށްލާފައެވެ.
ޖަމީލް ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ ގާނޫނު ތަންފީޒުކުރުމަކީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްކޮށްފައިވާ ކަމެއްކަމަށާއި ރިޕޯޓުގައި ހުރި ކަންކަމަށް ރިއާޔަތްކޮށް، އެ ނޫން ގޮތަކަށް އަމަލްކޮށްފި ނަމަ، މުޖްރިމުންނަށް ހިތްވަރު ލިބިގެންދާނެކަމަށެވެ.
ޖަމީލް މިހެން ވިދާޅުވެފައިވާއިރު، އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރައްވައި މިދިޔަ ހޯމަ ދުވަހު ރައީސް މުހައްމަދު ސޯލިހު ބަޔާނެއް ނެރުއްވާފައި ވެއެވެ.
ރައީސްގެ މި ބަޔާނުގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ ދިހަވަނަ މާއްދާ ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އަދި އިސްލާމް ދީނަކީ ދިވެހި ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންކޮށްފައި ވީހިނދު، އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގާ، އެދީން ހިމާޔަތްކުރުމަކީ، ދިވެހި ރާއްޖޭގެ އެންމެ މަތީ ވެރިޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.
އަދި އެމައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމްވެފައި މިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަ ކަމާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭނެ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގައެވެ.