މެންޓަލް ހެލްތު އެމްބެސެޑަރުންގެ ގޮތުގައި 18 ދަރިވަރުން ތަމްރީން ކޮށްފިއެވެ.
ގައުމީ ޔުނިވާސިޓީ އާއި ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަން (ޝީ) ގުޅިގެން ތަމްރީންކުރި މި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހުމަދެވެ.
ވޯލްޑް މެންޓަލް ހެލްތް ޑޭ އާއި ގުޅިގެން ޝީއިން ކުރިއަށްގެންދިޔަ މެންޓަލް ހެލްތް އެމްބެސެޑާސް ޓްރެއިން ޕްރޮގްރާމަކީ ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންއާ ގުޅިގެން ކުރިއަށްގެންދިޔަ 10 ދުވަހުގެ ޕްރޮގްރާމެކެވެ.
ޝީ އިން ބުނާގޮތުގައި، މި ޕްރޮގްރާމްގެ މަގުސަދަކީ ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންނަށް، ފަސޭހަކަމާއެކު އެހީ ލިބޭނެ ފަރާތްތަކެއް ތަމްރީންކޮށް ނަފްސާނީ ބަލި ހުންނަ މީހުންނަށް އެހީވުމުގައި އިސް ދައުރެއް އަދާކުރާނެ އެމްބެސެޑަރުންތަކެއް ނެރުމެވެ.