ޑައިވް ކުރަނިކޮށް ޑިކޮމްޕްރެޝަން ސިކްނެސް، ޑީކޯ ދިމާވި ފަތުރުވެރިއަކު އަވަސް ފަރުވާއަށް ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އއ.ކުރަމަތީ އައިލެންޑް ރިސޯޓަށް އަވަސް ފަރުވާއަށް ގެންގޮސްފައި ވަނީ 58 އަހަރުގެ އަންހެން ފަތުރުވެރިއެކެވެ. މި އަންހެން މީހާ އަކީ އއ.ރަސްދޫ ކައިރީގައި އޮތް "ބުލޫ ޝާކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ޑައިވްކުރަން އުޅުނު ފަތުރުވެރިއެކެވެ.
މި އަންހެން މީހާ ކުރަމަތީ އައިލެންޑް ރިސޯޓަށް އަވަސް ފަރުވާއަށް ގެންގޮސްދިނުމަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު 6:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އަދި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް އިން މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސީއެމްއެމްބިޔުލާންސް އެ ސަރަހައްދަށް ފޮނުވި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފްގެ ސީއެންބިއުލާންސްގައި އެ އަންހެން މީހާ ކުރަމަތީ އައިލެންޑް ރިސޯޓަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:38 ހާއިރު އެވެ.