ޚަބަރު

އައިޓީއެފްސީ އިން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދޭން އެއްބަސްވެއްޖެ

އާނިފާ ހުސެއިން ސިރާޖް

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ރާއްޖެއަށް 1.5 ބިލިއަން ޔޫއެސް ޑޮލަރުގެ އެހީ ދިނުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވީ، "ޓްރޭޑް އެންޑް އިކޮނޮމިކް ޑިވޮލޮޕްމަންޓް" އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް ފަސޭހަވެގެންދާނެ ކަމަށާއި، ވިޔަފާރިތަކާއި އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ އަގު 1.5 ބިލިއަން ޔޫއެސް ޑޮލަރަށް އަރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް އެހީ ލިބިގެންދާނެ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަރަށްބޮޑަށް އިސްކަން ދެއްވާ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ކުރުނބާ މޯލްޑިވްސް ގައި މިއަދު ބޭއްވި ރައްމިއްޔާތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހާނީ ސާލީމް ސޮންބޮލް އެވެ.

އައިޓީއެފްސީ އަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އައިޓިއެފްސީ އަކީ ޓްރޭޑް ފައިނޭންސްގައި ރާއްޖޭގެ އެންމެ ބޮޑު އެއް ބައިވެރިޔާކަން ފާހަގަކުރައްވައި ވިދާޅުވީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓިއޯ) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ފޯރުކޮށްދޭ ކަރަންޓުގެ 80 އިންސައްތަ ފައިނޭންސް ކޮށްދެނީވެސް އައިޓީއެފްސީ އިން ކަމުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.