ޚަބަރު

ޖަލުތަކުން ޝަކުވާގެ 16 ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވެއްޖެ

އިބްރާހިމް ޒަކީ

ޖަލުތަކުން ޝަކުވާގެ 16 ސިޓީއެއް ލިބިފައިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެ 16 ސިޓީއަކީ ރާއްޖޭގެ އެކި އެކި ޖަލުތަކުން ލިބުނު އެކި އެކި މީހުންގެ ޝަކުވާގެ ސިޓީތަކެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ޝަކުވާތަކަކާބެހޭގޮތުން ފޮނުވާފައިވާ ސިޓީތަކެއް ކަމެއް މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ސިޓީތަކުގައި ހުރި މައްސަލަތައް ފޮނުވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ކަމަށެވެ.

އެހެންކަމުން އެ ސިޓީތަކުގައި ހިމެނޭ ކަންތައްތަކުގެ ހުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަށް ފޮނުއްވަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.