ޕީ އެލް ކިޑްސް ޕްރީ ސްކޫލްގެ ނަން "ކޮށްކޮމެން ޕްރީސްކޫލް" އަށް ބަދަލުކޮށް އެ ސްކޫލު ރީބްރޭންޑްކޮށްފިއެވެ.
އިއްޔެ ހަވީރު އަމީނިއްޔާ ސްކޫލުގައި އޮތް ރަސްމިއްޔާތުގައި، ސްކޫލު ރީބްރޭންޑް ކުރުމުގެ ގޮތުން ސުކޫލުގެ ނަމާއި ލޯގޯގެ އިތުރުން ކުދިންގެ ޔުނީފޯމަށްވެސް ބަދަލުގެނެސްފައިވާ ކަމަށް ޕީއެލް ކިޑްސް ޕްރީސުކޫލުން މައުލޫމާތުދެއެވެ.
ޕީ އެލް ކިޑްސް ޕްރީ ސްކޫލަކީ ދެ އަހަރާއި ހަ އަހަރާ ދެމެދުގެ ތުއްތު ކުދިންނަށް ތައުލީމު އުނގަންނައިދިނުމަށް އަމާޒުކޮށްގެން 2011 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކުން ހިންގަމުންގެންދާ ޕްރީ ސްކޫލެކެވެ.
ރީބްރޭންޑް ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ޕީ އެލް ކިޑްސް ޕްރީ ސްކޫލުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.