ޚަބަރު

މާލޭގެ ސުކޫލްތަކުން ޖާގަ ދިނުމުގައި އިސްކަންދޭނީ ސްކޫލް ސަރަހައްދުގައި އުޅޭ މާލޭގެ ރަށްވެހިންނަށް

ޝަހީދާ އަބްދުﷲ ސައީދު

އަންނަ އަހަރު މާލޭގެ ސުކޫލްތަކަށް ކުދިން ވެއްދުމުގައި އިސްކަންދޭނީ އެ ސްކޫލެއް ހުންނަ ސަރަހައްދުގައި އުޅޭ މާލޭގައި ރަށްވެހިވެފައިވާ ކުދިންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 26 ގައި ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ކޮންމެ ސްކޫލަކަށް ވައްދާނެ ދަރިވަރުން ދިރިއުޅޭ ސަރަހައްދެއް އެ މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

އަދި ސްކޫލް ސަރަހައްދުތައް ކަނޑައަޅައި، ސްކޫލްގެ ގްރޭޑްތަކަށް ދަރިވަރުން ވެއްދުމުގައި އިސްކަންދޭނެ ތަރުތީބެއް ސާކިއުލާގައި ބުނެފައިވެއެވެ.

އެގޮތުން ސްކޫލްތަކުން ޖާގަ ދިނުމުގައި އެންމެ އިސްކަންދިނުމަށް ނިންމާފައިވަނީ، ސްކޫލް ސަރަހައްދުގައި ދިރިއުޅޭ މާލެއަށް ރަށްވެހިވެފައިވާ ދަރިވަރުންނަށެވެ. އަދި އެ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބަލައި އެ ސަރަހައްދުން ދަރިވަރު ނިސްބަތްވާ ސްކޫލަކުން ޖާގަ ހަމަޖައްސައިދޭނެ ކަމަށް ސާކިއުލާގައިވެ އެވެ.

ޖާގަ ދިނުމުގައި ދެވަނައަށް އިސްކަން ދޭނީ، އެ ސްކޫލުގައި އުޅޭ ދަރިވަރުންގެ އެއްބަނޑު އެއްބަފާ، ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ ދަރިވަރުންނަށެވެ. އެކަމަކު އެ ދަރިވަރުންނަކީ ވެސް އެ ސްކޫލު ހިމެނޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ވާންޖެހޭނެއެވެ.

ތިންވަނައަށް އިސްކަންދެނީ އެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރުންގެ ދަރިން ނުވަތަ އެ ޓީޗަރެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ކަންކަމަށް ބަލައި ޖާގަތައް ހަމަޖެއްސުމަށްފަހު، ބާކީހުރި ޖާގަތަކަށް ދަރިވަރުން ކަނޑައަޅާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލުގެ ދަށުން ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހު ކަމަށެވެ.

އަދި ސަރުކާރު ސްކޫލްތަކުން ފައުންޑޭޝަން ލެވެލް ނިންމައި ގްރޭޑް 1 އަށް ބަދަލުވާ ދަރިވަރުންނަށް އެ ދަރިވަރަކު ފައުންޑޭޝަން ލެވެލް ނިންމި ސަރުކާރު ސްކޫލަކުން ޖާގަ ހަމަޖެހިގެންދާނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެގޮތަށް ކަނޑައެޅީ މީގެ ކުރިން ސްކޫލްތައް ހިމެނޭ ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް، އެ ސަރަހައްދުގައި ނޫޅޭ ފަރާތްތަކުން އެ ސަރަހައްދުގައި އުޅޭކަމަށް ލިޔެކިޔުން ހުށަހަޅައި ސްކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކުރާތީ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އެ ސްކޫލް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ޖާގަ ލިބުމުގެ ފުރުސަތު ހަނިވެގެން ގޮސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.