ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ އުތުރުން އަތުލައިގެން ގާތްގަނޑަކަށް 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 11 މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެއްޗާއެކު އަތުލައިގެން ބޯޓުގައި ތިބި ހަ މީހެއްގެ ބަންދަށް މިއަދު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އަދި އެ ބޯޓުން މަސްތުވާތަކެތި ނަގަންދިޔަ ރާއްޖޭގެ ދޯނިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ދެ މީހުންގެ ބަންދަށް 15 ދުވަސް މުއްދަތު ޖަހާފައިވާއިރު، ބަންގުލަދޭޝްގެ ދެ މީހުންނަށް 10 ދުވަހުގެ މުއްދަތު މިއަދު ޖަހާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ނެޓްވޯކުގައި ހިމެނޭ އިތުރު ތިން މީހަކު ވެސް ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އެ ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން 15 ދުވަހަށް މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި މިހާތަނަށް ޖުމްލަ 13 ފިރިހެނުން ހައްޔަރުކޮށްފައިވާއިރު، މި ހުރިހާ އެންމެން ހައްޔަރުކޮށްފައިވަނީ މިއަދު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ހއ. ތުރާކުނާ ދިމާ ބޭރުން، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ސްރީލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ހިންގި އޮޕަރޭޝަންގައި ހިފެހެއްޓީ ބޭރުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ.
އަދި އަތުލައިގެން ބޭރުގެ ބޯޓުން މިހާތަނަށް ފެނުނީ ގާތްގަނޑަކަށް 70 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެއެވެ. މިތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.