ޚަބަރު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ވިޔަފާރިތަކުގެ ސާވޭއެއް ކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ވިޔަފާރިކުރާ ތަންތަނާއި އެނޫން ވެސް މަސައްކަތްކުރާ ތަންތަނުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާ ކުރުމަށްޓަކައި ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ސާވޭއެއް ކުރުމަށް ނިންމައިފިއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން މި ދިރާސާ ކުރުމަށް ނިންމާފައިވަނީ މި މަހުގެ ތެރޭގައި މުޅި ރާއްޖޭގައެވެ.

މި ސާވޭ ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާއެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމެއްގައި އެ ކުންފުންޏާއެކު އިކޮނޮމިކް މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ސަވޭގެ މައިގަނޑު މަގުސަދަކީ މާލެ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކުގައި ވަޒީފާއަދާކުރާ މުވައްޒަަފުންގެ އަދަދާއި އެ މުވައްޒަަފުންނަށްކުރާ ހަރަދުތަކާއި އަދި އެ ވިޔަފާރިތަކަުގެ މާލީ ހާލަތު ދެނެގަތުން ކަމަށެވެ.

އެގޮތުން ސާވޭގައި ހިމެނޭ މައިގަނޑު ވިޔަފާރިތަކަކީ ޓޫރިޒަމާއި ކޮންސްޓްރަކްޝަން، ހޯލް ސެއިލް އަދި ރީޓެއިލް، ކެފޭ ރެސްޓޯރެންޓް، ހޮޓާތަކާއި އެ ދާއިރާއާގުޅޭ ވިޔަފާރިތައް ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ސާވޭގައި ވަކިވަކި ވިޔަފާރިތަކަށް ޒިޔާރަތްކޮށް، އެ ވިޔަފާރިތަކުގެ ޒިންމާދާރު ފަރާތްތަކާއި ބައްދަލުކޮށް ބޭނުންވާ މައުލޫމާތު އެއްކުރާނެ ކަމަށެވެ. އެހެންކަމުން ސާވޭގައި ބައިވެރިވާ ފަރާތްތަކުން ސާވޭއަށް ބޭނުންވާ މައުލޫމާތުތައް ދިނުމުގައި ރިޔަން ޕްރައިވެޓް ލިމިޓެޑަށް އެއްބާރުލުން ދިނުމަށް އިކޮނޮމިކް މިނިސްޓްރީން އެދެއެވެ.

އަދި ސާވޭއިން އެއްކުރާ މައުލޫމާތުތަކަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ވިޔަފާރިތަކުގެ މާލީ ހާލަތު އެންމެ ފުރިހަމައަށް ދެނެގަތުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.