ޚަބަރު

އެންއައިސީ އަށް އައްޔަން ކުރަން ރައީސް ފޮނުއްވި ބޭފުޅުންގެ ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ހުޅުވާލައިފި

އިބްރާހިމް ޒަކީ

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންނާމެދު އާއްމުންގެ ޝަކުވާއެއް އޮތްނަމަ އެކަން ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.

އެންއައިސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ހިިމެނެނީ، އަލްއުސްތާޒު ޝުއައިބު އަބުދުއްރަހުމާން ދަފްތަރު 1188، އާއި ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު ވ. ދިވެތި، އާއި ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު ތިލަދޫ ހއ.ދިއްދޫ، އާއި ހައްވާ ލީޝާ ގ. ތުނޑިވެލި އެވެ.

މިބޭފުޅުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ.

އެ ބޭފުޅުންނާބެހޭގޮތުން ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް އާއްމުކޮށް ހުޅުވާލައި، މަޖިލީހުުގެ އިދާރާއިން ބުނެފައިވަނީ، އެފުރުސަތު އަންނަ ހޯމަ ދުވަހުގެ 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކުން، ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ކުޅޭނެ ފޯނު ނަންމަބަރު އެނގޭގޮތަށް މަޖިލީހުގެ އިދާރާއަށް ލިއުމުން ޝަކުވާ ހުށަހެޅުމަށާއި، ކިމިޓީ މެއިލްއަށް މެއިލް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް މަޖިލީހުގެ އިދާރާއިިން ބުނެފައިވެއެވެ.

އެންއައިސީގެ މެމްބަރު ކަމަށް ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލީ އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި މެމްބަރު މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.