އޭނާ އަކީ އެމްޑީޕީއަށް ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްދީފަ ހުރި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ 2013 ވަނަ އަހަރު އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރަން ނުކުންނެވުމުން އެކި ދިމާތަކުން ނުފޫޒުތަކެއް ވަންނަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރު އަޅުގަނޑު އެމްޑީޕީގަ ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްދީފަ ހުންނާނީ. އެކަމަކު އަޅުގަނޑު ވާދަކުރަން ނުކުތް ހިސާބުން ކޮންމެވެސް ވަރެއްގެ ނުފޫޒުތަކެއް އެކި ދިމާތަކުން އައިސް އަޅުގަނޑުމެން އަލަށް ނުކުންނަ މީހުންނަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް އޭރުގަ އައި،" މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ ބިލެއްދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ދެ މީހަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކޯލިޝަންގެ ތެރެއިން އެމްޑީޕީއަށް އެ ދާއިރާ ލިބިދާނެތޯ އަދި ޔަގީންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުވެސް ޕްރައިމަރީ ތެރޭގައި ނުފޫޒުތަކެއް އުޅޭތީ ޕާޓީތަކުގެ ތެރެ ވަރަށް ބޮޑަށް ބައިބައިވެފައިވާތަން ފެންނަ ކަމަށް މުބީން ވިދާޅުވިއެވެ.
މުބީން ބިލެއްދޫ ދާއިރާއަށް ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. އެއަށްފަހު އޭނާ ބަދަލުވީ ޕީޕީއެމް އަށެވެ. ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކިވުމުން ކަމަށެވެ. އަދި ރައްޔިތުން ވޯޓުދިނީ ޕްރޮގްރެސިވް ކޯލިޝަނަށް ކަމަށްވާތީ ސަރުކާރާއެކު ދެމިހުރުމަކީ ރައްޔިތުން އެދުނުގޮތް ކަމަށް މުބީން ވިދާޅުވިއެވެ.