މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ މެމްބަރުންނަށް މަރުގެ އިންޒާރުދޭ މައްސަލަ ނުބަލައި، އެ ޖަމިއްޔާގެ ރިޕޯޓުގެ މައްސަލަ ބެލުމަކީ މީހުންނަށް މަރުގެ އިންޒާރުދީ، މީހުން ވަގަށް ނަގާ މީހުންނަށް ހިތްވަރުން ދިނުން ކަމަށް އެމްޑީއެންގެ ފައުންޑާ އަދި އެގްޒެކެޓިވް ޑިރެރެކްޓަރު ޝަހިންދާ އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީއެން އިން، ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ބައެއް ކަންކަމަށް ހަޖޫ ޖަހާފައިވާ ރިޕޯޓުގެ މައްސަލަ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން، ރައީސް ސޯލިހު މިދިޔަ އަަހަރުގެ ފަހުކޮޅު އުފެއްދެވި ޖަލުތަކުގެ ހާލަތު ބަލާ ކޮމިޝަނުގެ މެމްބަރުކަން ވެސް ކުރައްވަމުންދާ ޝަހިންދާ މިއަދު ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ، އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވުމަކީ މަރުގެ އިންޒާރުދޭ މީހުންނަށް ބުރަވެވަޑައިގެން ކުރެއްވި ފިނޑި އަމަލެއް ކަމަށެވެ. އަދި އިންސާފުވެރިކޮށް ފުލުހުންގެ ވާޖިބު ފުރިހަމަ އޭނާ ގޮވާލެއްވިއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅުމުގެ ކުރިން އެ ރިޕޯޓާ ގުޅިގެން އެތައް ބަޔަކަށް މަރުގެ އިންޒާރުދީ ދޮގު މައުލޫމާތު ފަތުރާފައިވާކަން ފާހަގަކުރައްވާ ޝަހިންދާ އިތުރަށް ވަނީ، އެ މައްސަަލަ ފުލުހުންނަށް ހުށަހެޅުމުން، އެކަންކަން ނުބަލާ ރިޕޯޓުގެ މައްސަލަ ބަލަން އުޅޭތީ ފުލުހުންނަށް ފާޑު ވިދާޅުވެފައެވެ.
"ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ކަމަށް ބުނޭ. ފުލުހުން ގާނޫނު އަސާސީއަށް އިހްތިރާމް ކުރައްވާށެވެ. މީހެއްގެ ފުރާނައަށް ގެއްލުން ނުވަނީސް ވަޔަލެންޓް މޮބް މެންޓަލިޓީ ހުއްޓުވާށެވެ. އަޅުގަނޑު ތަހުގީގަށް އެއްބާރުލުން އެބަ ދެމެވެ." ޝަހިންދާގެ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ، އެ ރިޕޯޓު ބަލައި ނުގަންނަ ކަމަށާއި ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފައެވެ. އަދި މިއަދު ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާ ރައީސް ސޯލިހު ވަނީ ބައްދަލުކުރައްވައިފައެވެ.