އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މުހައްމަދު ޝަހީބު އާއި ނައިބު ރައީސާ ފާތިމަތު ޒައިނާ އެ ކޮމިޝަނުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން މާދަމާ ގޮތެއް ނިންމަން އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގ އެޖެންޑާގައި ކޮމިޓީތަކުން ހުށަހަޅާކަންތައްތަކުގެ ތެރެއިން އެ ދެ ބޭފުޅުންގެ މައްސަލަ ކޮމިޓީން ބަލައި ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އެ ދެމޭފުޅުން ކޮމިޝަންގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލު ވެފައިވާ މައްސަލަ ބެލުމަށްފަހު ކޮމިޓީން މަޖިލީހަށް ފޮނުވި ރިޕޯޓްގައި، އެ ދެބޭފުޅުން ކޮމިޝަނުން ވަކި ކުރުމަށް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އެހެންކަމުން މާދަމާގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓް ހުށަހަޅައި ބަހުސް ކުރުމަށްފަހު ދެން އޮންނާނީ، އެ ރިޕޯޓްގައި ކޮމިޓީން އެދިފައިވާގޮތަށް އެ ދެބޭފުޅުން ކޮމިޝަނުން ވަކިކުރުމަށް ފެނޭތޯ ވޯޓަށް އެހުމެވެ.
މިއީ މިމައްސަލަ އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާން ދެވަނަ ފަހަރެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެ ދެބޭފުޅުން ވަކިކުރުމަށް މީގެކުރިން ކޮމިޓީން ނިންމައި މަޖިލީހަށް ފޮނުވީ މިއަހަރުގެ ޖުލައި މަހުގައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ، އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ނުގެނެސް މަޑުޖައްސައިލެއްވީ، އެކަން ކޮމިޓީން ނިންމި ގޮތުގެ އިޖުރާއަތްތަކާބެހޭގޮތުން ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.
ނަމަވެސް ފަހުން އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ގެނަސް، މަޖިލީހުގެ އާ ގަވާއިދުގެ ދަށުން އެ މައްސަލަ އަލުން މަޖިލީހަށް ގެނައުމަށް އެދި ވަޑައިގެން މަޖިލިސް ރައީސް އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުއްވައި ލެއްވީއެވެ.