އިބްރާހިމް ޒަކީ
މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމުން ބަދަލުގެ ގޮތުގައި މި ސަރުކާރުން 24.1 މިލިޔަން ރުފިހާ ދައްކަން ޖެހުނު ކަމަށާއި އެ ފައިސާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ފައިސާއަކީ ރައީސް ޔާމީންގެ ސަރުކާރުން އެމްއާރުޑީސީ އުވާލުމުން، އެކި ފަރާތްތަކުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކަށް ދައްކަންޖެހި ނުދައްކާހުރި ފައިސާ ކަމަށެވެ.
އެމްއާރުޑީސީ އުވާލަމުން ރައީސް ޔާމީންގެ ސަރުކާރުން ބުނީ އެކުންފުނި އުވާލަން ނިންމީ ކުންފުނީގެ ހަރަދުތަކާއި ދަރަނި ބޮޑުވުމުގެ ސަބަބުން ކުންފުނި ހިންގަން ދަތިވެގެން ކަމަށެވެ.
އެކުންފުނި އުވާލުމަށްފަހު އެ ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުން އޭރުގެ ހައުސިންގް މިނިސްޓްރީގެ ދަށުން ހިންގި ޕަބްލިކް ވޯކްސް ޑިޕާޓްމެންޓަށް ބަދަލު ކުރިއެވެ. މިހާރު އެ ޑިޕާޓްމެންޓް ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކުގެ ތެރެއަށް ބަދަލުކޮށްފައެވެ.
އެމްއާރުޑީސީ އުވާލި ނަމަވެސް ރާއްޖޭގެ ރަށްތަކުގައި މަގު ހެދުމާއި މަގުތައް ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ އާ ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އުފައްދަވައިފައެވެ.
މި އަހަރުގެ ޖޫންމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން އުފެއްދެވި އެ ކުންފުނީގެ ނަމަކީ "ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް"އެވެ.