ޚަބަރު

މެންބަރުންނަށް ކޮމިޓީ އެލަވަންސް ދޭ އުސޫލު މުރާޖައާ ކުރަނީ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލު މުރާޖައާ ކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ކޮމިޓީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލު މުރާޖައާ ކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މާލިއްޔަރު ކޮމިޓީން، ކޮމިޓީ އެލަވަންސް ދިނުމުގެ އުސޫލު މުރާޖައާ ކުރާއިރު، މަޖިލީހުގެ އާ ގަވާއިދުންވެސް ކޮމިޓީ އެލަވަންސް ދޭ އުސޫލަށް ވަނީ ބަދަލުތަކެއް ގެނަސްފައެވެ.

މަޖިލީހުގެ އާ ގަވައިދުގައި ބުނަނީ ކޮމިޓީއަކުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން 50 ޕަސަންޓު ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ ކޮމިޓީ އެލަވަންސަށް ކަނޑައަޅާފައިވާ 20،000 ރުފިޔާ ގެ ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ. މީގެ އިތުރުން ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން 50-75 ޕަސަންޓު ބައްދަލުވުންތަކަށް މެމްބަރަކު ވަޑައިގެންފި ނަމަ، އެލަވަންސްގެ 50 ޕަސަންޓް ކަމަށްވާ 10،000ރުފިޔާ ލިބޭގޮތަށް ވަނީ ހިމަނައިފައެވެ. އެހެންކަމުން ކޮމިޓީ އެލަވަންސްގެ ފުރިހަމަ އަދަދު ކަމުގއިވާ 20،000 ރުފިޔާ ލިބިވަޑައިގަންނަވާނީ 75 ޕަސަންޓަށް ވުރެ ގިނަ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެންބަރުންނަށެވެ.